ޖުލައި 4, 2024

ސޯލިހު ވެރިކަމުން ފައިބައިވަޑައިގަތީ 4،000 އަހަރުގެ ދަރަނީ އުފައްދާފައި: އަދުރޭ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމުން ފައިބައިވަޑައިގަތީ 4،000 އަހަރުގެ ދަރަނި އުފެއްދުމަށްފަހުކަމަށް ރައީސް ޑރ. މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، އައްޑޫ ސިޓީއަށް އިއްޔެ ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހު ވެރިކަމުން ފައިިބައިވަޑައިގަތީ އެ ސަރުކާރުން ހޯދި ފައިސާތަކާ އެކު ކަމަށެވެ.

”މި ދިވެހި ދައުލަތް އުފެދުނުތާ އަމިއްލަ ވެރިކަމެއް ކުރަމުންދާތާ 4000 އަހަރު ވީއިރު، 4000 އަހަރުގެ ދަރަނި ފަސް އަހަރުން އުފައްދާފަ އިބްރާހީމް މުހައްމަދު ޞާލިހް އެދިޔައީ“ އަދުރޭ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން އެކަނި 4.2 ބިލިއަން ރުފިޔާއިން މިދިޔަ ސަރުކާރުން ދަރުވާފައި އޮތް ކަމަށާއި މި ސަރުކާރާ ހަވާލުވި އިރު ދިވެހި ދައުލަތް އޮތީ 9000 މިލިއަން ރުފިޔާއިން ދަރާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އެގޮތަށް ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭނެއްގައި ރައީސް ސޯލިހު ދެއްކެވި ވާހަކަތަކަށް ރައްދު ދިނުމުގެ ބޭނުމުގައެވެ. ސޯލިހު ވިދާޅުވެފައިވަނީ މި ސަރުކާރުގެ މަޝްރޫއުތައް ހިނގަމުން ދަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހޯދި ފައިސާއިން ކަމަށެވެ.

ސޯލިހު ވިދާާޅުވެފައިވަނީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެ މަނިކުފާނުގެ ވެރިކަމުގެފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވީ ފައިސާ ނުލިބުނު ނަމަ، ދަތި ހާލަތަކަށް ރާއްޖެ ދާނެކަމަށް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފެއްޓީ ޑޮލަރުގެ ދަތިކަން ހުރުމާއެކު، 400 މިލިއަން ޑޮލަރު ވެސް ހޯދުމަށް ފަހުގައިކަމަށް ވިދާޅުވެފައިވެއެވެ.