ސަރުކާރުން ދަނީ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުންކަމަށް ބުނެ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނެރުނީ ދޮގޮ ބަޔާނެއްކަމަށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގަ ސަރުކާރު މުވައްޒަފުން އެމީހުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ.
”މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންނަށް ވަޒީފާތަކަށް ނަގަމުންނެވެ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން މިކަން ސަރުކާރުން ހިންގާ ގޮތް އެއޮތީ ވަރަށް ސާފުކޮށް ކިޔައިދީފައެވެ.“ އެމްޑީޕީން ބުންޏެވެ.
ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީގެ ހަރަކާތްތަކުގައި ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މިހާރުވެސް ބައިވެރިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު އެޅުމަކީ އެމްޑީޕީގެ ސަރުކާރުން ކުރި ކަމެއްނަމަވެސް، މި ސަރުކާރަކީ އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ ސަރުކާރެއް ނޫން ކަމަށެވެ.
”ވަކި ފަރުދަކު ފާޅުކުރާ ހިޔާލަކީ ސަރުކާރު ކޯލިޝަނުން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދިއުމާއި ބައިވެރިވުމުގެ ފުރުސަތުދީގެން ކުރިއަށް ދިއުމެވެ“ ޕީއެންސީން ބުންޏެވެ.
މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ބުނެ އެމްޑީޕީން ނޫސްބަޔާނެއް ނެރުނީ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން އިއްޔެ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި، މިފްކޯގެ ޅ. ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަން ގޮވާލި މައްސަލައަކާ ގުޅިގެންނެވެ.
އެ ޖަލްސާގައި އެގޮތަށް ގޮވާލާފައިވަނީ ޕީއެންސީގެ ފަރާތުން މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަބްދުއްރަހްމާނުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދެއްކި މީހެކެވެ. އެ މީހާ ބުނީ ފެލިވަރުގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގުޅައިގެން އެއްބާރުލުން ދިނުމަށް އަންގަން ޖެހޭ ކަމަށާއި، އަދި އެއްބާރުލުން ނުދީފިނަމަ، އެއްބާރުލުން ނުދޭ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އެގޮތަށް އެ މީހާ ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ އާންމުވުމުން، އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަންވަރު އިބްރާހީމް ވަނީ، އެ ވާހަކަތަަކަކީ ކެމްޕޭނެއްގައި ދެއްކިދާނެ ވާހަކަތަކެއްތޯ އީސީގެ ރައީސް ފުއާދު ތައުފީގުއާ އެކްސްގައި ސުވާލު ކުރައްވައިިފައެވެ.
ފުއާދު އެކްސްގައި މިއަދު ކުރެއްވި ޕޯޯސްޓެއްގައި ވިދާޅުވީ އެފަދަ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.
“އީސީ އެ މައްސަލަ ހުށަހެޅުމަށް އިލްތިމާސްކުރަން، ފިޔަވަޅު އަޅާނަން” ފުއާދު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ގޮތުން މަޖުބޫރު ނުކުރާާނެ ކަަމަށާއި އެ މުވައްޒަފަކު ގަބޫލުކުރާ ސިޔާސީ ފިކުރަކާއެކު ވަޒީފާގައި އުޅެވޭނެ ކަމަށެވެ.
ގުޅުންހުރި
އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ޑިޖިޓަލް ހައްލަށް އިންޑިއާ އާއެކު މަސައްކަތް ކުރަންޖެހޭ:
ހުރި ފުރުސަތުތައް ދިރާސާކުރަން ރައީސްގެ ދައުވަތެއް އިންޑިއާގެ އިންވެސްޓަރުންނަށް
ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުވާ މީހާގެ ބަންދަށް
ރައީސްގެ ދެކަނބަލުން ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފި
އިންޑިއާއިން ދިން މެހެމާންދާރީއަށް ރައީސްގެ ޝުކުރު، ވިދާޅުވީ ގުޅުން ވަރުގަދަ ކުރައްވާނެ