ޖުލައި 2, 2024

ޕީއެންއެފްގެ ޝުކުރު އަސްލަމަށް: ތިޔަކޮށްދެއްވި މަސައްކަތް ހެޔޮހިތުން ބަލައިގަންނަން

ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއީ މަނީ ލޯންޑަރރިންގެ ކުށް ސާބިތުވުމުގެ ސަބަބުން ކުރީގެ ރައީސް އަބްުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތަށް ނިމިފައިވިނަމަވެސް ހައި ކޯޓުން އެ މައްސަލައިގައި ހުކުމް ކުރުން ލަސްވާ މައްސަލަ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅެމުން، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ޝުކުރު އަދާކޮށްފިއެވެ.

ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލް ވިދާޅުވީ، ރައީސް މުއިއްޒު، ވެރިކަމަށް ވަޑައިގަތީ، ޔާމީންގެ ފޮޓޯފުޅާއި ހުސްގޮނޑި އަދި ޔާމީނަށް އޮތް ތާއީދު ބޭނުން ކުރައްވައިގެން ކަމަށެވެ. ރައީސް މުއިއްޒު، އަދި މި ސަރުކާރުން، ޔާމީން މިނިވަން ކުރެއްވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. މަލީހު ވިދާޅުވީ ރައީސް މުއިއްޒު، ގެންދަވަނީ ޔާމީނަށް ސިޔާސީ ގޮތުންވެސް ހުރަސް އަޅުއްވަމުން ކަމަށެވެ.

”މަޖިލިސް ރައީސް އަސްލަމް އެކަމާ (ޔާމީންގެ ޝަރީއަތް) ކަންކަމުގައި އުޅޭތީ، އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވަން އަސްލަމް އެކަން ޖޭއެސްސީއަށް ހުށަހެޅުއްވީތީ. އަޅުގަނޑުމެން ހެޔޮހިތުން ބަލައިގަންނަން އެކަން“ މަލީހު ވިދާޅުވިއެވެ.

މިމަހުގެ 21 ގައިި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެމްޕޭނަށް އެމްޑީޕީން، އައްޑޫ ސިޓީގައި  ބޭއްވި ޖަލްސާއެއްގައި އަސްލަމް ވިދާޅުވެފައިވަނީ ޔާމީންގެ ޝަރީއަތް ނުބާއްވާ ގިނަ ދުވަސްވުމުން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ސާފުވާ ކަމަށެވެ. ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައިވަނީ މީގެ ހަތަރުމަސް ކުރިންކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.

“ހަތަރު މަސް ވެގެން ދިޔައިރު ހަމައެކަނި ހުކުމް އިއްވާނުލެވިފައި އޮތީ. އެހެންވީމަ ސަރުކާރުން މިކަމަށް އަތް ބާނާ މިންވަރު މިކަމުން މި ފެންނަނީ. ވަރަށް ބޮޑު ތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މާދަމާ މައްސަލަ ލާނަމޭ،” އަސްލަމް ވިދާޅުވެފައިވެއެވެ.

އަސްލަމް ވިދާޅުވެފައިވަނީ ވަކި ރައީސަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލަައިނުގަންނާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ކުރީގެ ރައީސުންނަށް ދޭންޖެހޭ އިހުތިރާމް ދޭންވާނެ ކަމަށެވެ.