ޖުލައި 4, 2024

ރައީސްގެ ތައުރީފު އިބުޓީއަށް: އެއީ ގައުމަށާއި ގަލޮޅު ދެކުނަށް މުހިންމު، މަޖިލީހަށް ހޮވަންޖެހޭ މެންބަރެއް

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) އަކީ ގައުމަށާއި އޭނާ ވާދަކުރައްވާ ދާއިރާއަށްވެސް މުހިންމު މެންބަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އިބުޓީގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން ”ހަފްތާ“ އަށް ދެއްވި އިންޓަވިއުއެއްގައި ޕީއެންސީގެވެސް ރައީސް، ރައީސް މުއިއްޒު ވިދާޅުވީ އިބުޓީއަކީ ރައްޔިތުންގެ މަޖިލީހަށް ހޮވަންޖެހޭ މެންބަރެއް ކަމަށެވެ.

އަދި އިބުޓީއަކީ މީހުންނާ ގުޅިގެން މަސައްކަތް ކުރަން އެނގޭ، ހީވާގި، ރަނގަޅު ބޭފުޅޭއް ކަމަށާއި އެހެންކަމުން އިބުޓީއަށް ވޯޓު ދެއްވައި ގަލޮޅު ދެކުނު ދާއިރާއަށް އޭނާ ހޮވައިދެއްވުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުގައި ގަލޮޅު ދެކުނު ދާއިރާގެ ތަމްސީލު ކުރައްވާ އިބުޓީއަކީ ޕްރައިމަރީއަކާ ނުލައި ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި 13 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.