ޖުލައި 6, 2024

ދުއާއަކީ ދަންނަވަމުން އައި ގޮތަށް ޔާމީން މާދަމާ މިނިވަންވުން: ރައީސް

ދުއާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ މިނިވަންވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުން މާދަމާ އަށް ހައިކޯޓުގައި ތާވަލުކޮށްފައި ވަނިކޮށް މާލޭގައި މިރޭ ބޭއްވި ޕީއެންސީގެ ކެމްޕޭނު ޖަލްސާއެއްގައި ރައީސް ވިދާޅުވީ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުމަށް ތާވަލުކުރީތީ ވަރަށް އުފާކުރާ ކަމަށާއި މާދަމާ ޔާމީން މިނިވަންވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ

”އަޅުގަނޑުގެ ދުއާ އަކީ، އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،“ ރައީސް ވިދާޅުވި އެވެ.

ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކުރި އިރު، ވެރިކަމުގެ ހުވާ ކުރައްވާ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ހުވާ ކުރައްވައިފަ އެވެ. ނަމަވެސް ވެރިކަމަށް ފަސް މަސް ވެގެންދިޔައިރުވެސް އެކަމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް ޔާމީންގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ޔާމީންވެސް ވަނީ އެ މަނިކުފާނު މިނިވަން ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް އެ މަނިކުފާނު މިނިވަން ކުރަން ރައީސް މުއިއްޒު އެއްވެސް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް މީގެ ކުރީން ވިދާޅުވެފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޑިސެމްބަރު 2022ގައެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލައިފަ އެވެ.