ޖުލައި 6, 2024

ރިޝްވަތުގެ ކުށުގައި އިއްވި 4 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަަލަން އަމުރުކޮށްފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ތެރޭގައި ހިމެނޭ ރިޝްވަތު ނެގުމާ ވިދިގެން އިއްވާފައިވާ 4 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް މިއަދު އަމުރުކޮށްފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވީ ޖުމުލަ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށެވެ.

އޭގެ އިތުރުން ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފު ކުރުމުން އޭގެ ތެރެއިން ނައީމްގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގައިފަ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު ކުރި ހުކުމުގައި ވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުންވެސް ގޯސް ކަމަށް އެ ހުކުމުގައިވެ އެވެ.

އެގޮތުން އެފަދަ ހެކިތައް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއް ކަމަށްވާއިރު، އެ މައްސަލާގައި ދަށު ކޯޓުން އެކަން ކުރީ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއް ނެތި ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައިނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނީ، އެ މައްސަލާގެ ހެކިތައް ވަޒަން ކުރަން ޖެހޭނީ ފަހުން ހުށަހެޅި އާ ހެކިތައް އެއް ފަރާތް ކުރުމަށްފަހު ކަމަށާއި ނަމަވެސް އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހެކިތައް ވަޒަންކުރީ ހުރިހާ ހެކިތައް އެއްކޮށް ކަމަށެވެ. އަދި ޔާމީންގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ އެ މަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ބެލީ ގާނޫނާ ހިލާފަށް ކަމަށްވެސް ބުނެފައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައިވެ އެވެ.