ވަކި ގައުމެއްގެ ޕަޕެޓަކަށްވާ ގޮތަށް މިދިޔަ ސަރުކާރުން ގެންގުޅުނު ސިޔާސަތު ވާނީ ވަޅުލާފައި: ރައީސް

ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ސަލާމް ކުރައްވަނީ

ވަކި ގައުމެއްގެ ޕަޕެޓަކަށްވާ ގޮތަށް މިދިޔަ ސަރުކާރުން ގެންގުޅުނު ސިޔާސަތު މި ސަރުކާރުގައި ވަނީ ފަސްލައި ވަޅުލާފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަކިއަތަކަށް ނުޖެހި ރާއްޖެއަށް ފައިދާ ހުރި ކަންކަމުގައި ކުރިއަށް ދިއުމުގެ ސިޔާސަތެއް ގެންގުޅުނު ކަމަށާއި މި ސަރުކާރުގައިވެސް ގެންގުޅެނީ މޯލްޑިވްސް ފަސްޓް ޕޮލިސީ ކަމަށެވެ.

ނަމަވެސް މިދިޔަ ސަރުކާރުގައި ތަންފީޒު ކުރި ހާރިޖީ ސިޔާސަތުގައި ފެނިގެންދިޔައީ ވަކި އަތަކަށް މާބޮޑަށް ބުރަވެ, އެ ފަރާތްތަކުން ރާއްޖެ ކޮންޓްރޯލް ކުރަމުންދިޔަ މަންޒަރު ކަމަށާއި އޭގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ރާއްޖެ ވާންޖެހޭނީ ވަކި އަތަކަށް ނުޖެހި, މެދުގައި ތިބެ, ރައްޔިތުންނަށް ފައިދާ ހުރި ގޮތް ހޯދާ ބަޔަކަށް ކަމަށެވެ. ހާއްސަކޮށް އިސްލާމީ ގައުމުތަކާ ގާތް ގުޅުން ބާއްވާ ބަޔަކަށް ރާއްޖެ ވާންޖެހޭނެ ކަމަށާއި މި ސަރުކާރުން ތަންފީޒު ކުރަމުން ދަނީވެސް އެ ސިޔާސަތު ކަމަށް ވިދާޅުވި އެވެ.

”އެހެންވީމާ، ވަކި ގައުމެއްގެ ޕަޕެޓަކަށް ވާ ގޮތަށް އޮތް އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން. އެހެންވީމާ، އެ ސިޔާސަތު އިރާދަކުރެއްވިއްޔާ ހަމަ މަޑުމަޑުން މިދިޔަ ތިން އަހަރު ތެރޭގައި އަޅުގަނޑުމެން މި ދިޔައީ ހަމަ ފަސްލާ ވަޅުލާ ނިންމާފައި މިހާރު އެ އޮތީ. މި ގައުމުގައި ދެން އެކަން އިޔާދަކުރުމަކީ ރައްޔިތުން ފުރުސަތު ދޭނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއްވެސް ނުކުރަން,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, އެހެން ދެ ގައުމެއްގެ ނޫނީ އެހެން ގައުމުތަކެއްގެ ތެރޭގައި ހުރި މައްސަލަތަކަށް ވަނުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. މި ސަރުކާރުގެ ބޮލުގައި އެކަހަލަ ބަދުނާމެއް އަޅުވަން އުޅުނަސް އެއީ ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.