ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ފެށިގެންދާ ކަމަށާއި، އަންނަ ދެ އަހަރުގެ ތެރޭގައި ތާރީހުގައި ނުދެކޭ މިންވަރަކަށް ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑްގައި މިރޭ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްކަން ފާހަގަކުރައްވައިފައެވެ.
މިގޮތުން ރަސްމާލޭގެ މަސައްކަތްތަކާ ގުޅިގެން ބޭއިންސާފުން މުޖުތަމައުގައި ފެތުރެމުންދާ ބައެއް ވާހަކަތަކުގެ ހަގީގަތް ރައީސް ކިޔައިދެއްވިއެވެ. ހުރިހާ ކަމަކާ ދެކޮޅުހަދާ ބަޔަކުވެސް ތިއްބެވި ނަމަވެސް، ރަނގަޅު ގޮތާއި ގޯސް ގޮތް ދެނެގަނެ ރަނގަޅު ގޮތް ހިޔާރުކުރާ ފަރާތްތައް މުޖުތަމައުގައި އުޅޭކަން ފާހަގަކުރައްވައި، ރަސްމާލޭގެ ތަރައްގީގެ މަސައްކަތާ މެދު ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތްކަމާއި، އޭގައި އޮތީ ރައްޔިތުންނަށް ފައިދާކަން އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
ރައީސް އޮފީހުން ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓްގައި މީގެ ކުރިން މި މައުޟޫއަށް ދެއްކެވި ވާހަކަފުޅުގެ ތަފްސީލުތައްވެސް އެމަނިކުފާނު މި އެޕިސޯޑްގައި ތަކުރާރުކުރެއްވިއެވެ. މަޝްރޫއު ކުރިއަށްގެންދާ ގޮތާމެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ފިތުނަ އުފެދޭގޮތަށް ދެކެވޭ ވާހަކަތަކުގައި އަސާސެއް ނެތްކަން ފާހަގަކުރައްވައި، އިޒްރޭލާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުން މިސާލު ނަންގަވަމުން، ރަސްމާލޭގެ ކަންކަންވެސް ރައްޔިތުންނަށް ފައިދާވާގޮތަށް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ރަސްމާލޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމުގެ ސަބަބުން ތަރައްގީ އިތުރަށް ކަށަވަރުވެގެންދާ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެންއޮތް ބޯހިޔާވަހިކަމުގެ ފުރުސަތު ހަނިވެގެން ނުދާނެކަމުގެ ޔަގީންކަން ރައީސް ތަކުރާރުކުރެއްވިއެވެ. ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުންވެސް ޝަރުތު ހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިޔަ މި މަޝްރޫއުތައް ކުރިއަށްގެންދަނީ ދައުލަތުގެ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭގޮތަށް، ފިއުޗާ ރެވެނިއު ނުވަތަ ބިންދޫކުރުމުގެ އުސޫލުން އިންވެސްޓަރުން ބައިވެރިކޮށްގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިފަދަ ހާއްސަ އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް ތަކުރާރުކޮށް ދެއްވިއެވެ.


