ދިރުވާލައިގެން ރާއްޖެއަށް ޑުރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ނޭޕާލް ރައްޔިތެއް ކަމަށްވާ ނިއްކަ ތަމަންގް, 47އ. އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. އެއީ އޭނާގެ ބަންދު މަޖިލީހަށް ތަރުޖަމާނު ހާޒިރުކުރެވިފައި ނުވާތީ އެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން, ތައި އެއާ އޭޝިއާގެ ފްލައިޓުން އޭނާ ރާއްޖެ އައި އިރު, އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާގެ ހަށިގަނޑު ތެރޭގައި ޑުރަގް ފޮރުވައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުން, އޭނާ އައިޖީއެމްއެޗަށް ގެންގޮސް, އޭނާގެ ހަށިގަނޑު ސްކޭން ކުރިއިރު, އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރި ކަމަށާއި އެ ތަކެއްޗަކީ ޑުރަގް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޑޮކްޓަރުން ލަފާދިން ކަމާށެވެ.
އެހެންވެ އޭނާ ބޮޑުކަމު ދިއުމުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ޖުމުލަ 80 ބުލެޓް ނުނު ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 708.2 ގްރާމް ހުރި ކަމަށްވެސް ބުނެފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން, އެ ތަކެއްޗާ ގުޅޭ ގޮތުން ސުވާލުކުރުމުން އެއީ ބެންކޮކުން ދިމާވި ޕާކިސްތާން މީހެއް, ރާއްޖެ ގެނައުމަށް ހަވާލުކުރި ތަކެތި ކަމަށް ސީނަށް ދިޔަ ފުލުހުން ބުނެ އެވެ.
އަދި އޭނާގެ ކުޑަކަމުދާތަކެތި ކޮކޭންއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.


