ޔޫކްރެއިނަށް އެހީވުމަށް ހިންގި ހަރަކާތްތަކަކަށް ފައިސާ ފޮނުވި މައްސަލައިގައި, ރަޝިއާގެ އައިޓީގެ ތަޖުރިބާކާރެއް, 13 އަހަރަށް ޖަލަށްލާން ރަޝިއާގެ އަސްކަރީ ކޯޓަކުން ހުކުމްކޮށްފި އެވެ.
ޓެރަރިޒަމަށް ހަރަދުކުރި ކަމުގެ ކުށުގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ރަޝިއާގެ ޑައިހައުސް ކުންފުނީގެ ކުރީގެ އައިޓީ ޑިރެކްޓަރެއް ކަމަށްވާ އުމުރުން 49 އަހަރުގެ ޔޫރީ ބެލެންކީގެ މައްޗަށެވެ. އޭނާއަކީ ބަލްގޭރިއާގެ ރެސިޑެންސް ޕާމިޓް އޮންނަ މީހެކެވެ.
ރިއާ ނޮވޮސްޓީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެލެންކީ ވަނީ އޮގަސްޓް 2022 އާއި މާރިޗު 2024 އާ ދެމެދު ގާތްގަނޑަކަށް 1,500 ޑޮލަރަށްވުރެ ގިނަ ފައިސާ 15 ފަހަރެއްގެ މަތިން ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ޔޫކްރެއިންގެ އަސްކަރިއްޔާއަށާއި ރަޝިއާއިން ’ޓެރަރިސްޓް‘ ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަޒޯވް ބެޓޭލިއަނަށް ފޮނުވައިފަ އެވެ.
އޭނާ އެ ފައިސާ ފޮނުވީ ރަޝިއާ ސަރުކާރަށް ފާޑުކިޔާ އަދި އަރުވާލެވިގެން ހުރި ނޫސްވެރިއެއް ކަމަށްވާ އާކަޑީ ބަބްޗެންކޯ އާންމުކުރި ތަފުސީލުތައް ބޭނުންކޮށްގެން ކަމަށްވެސް ބުނެފައިވެ އެވެ.
އެ މައްސަލައިގައި ބެލެންކީ ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މޮސްކޯއަށް ކުރި ދަތުރެއްގައެވެ.
ރަޝިއާގެ ދައުލަތުގެ ނޫސް އެޖެންސީ ”ޓާސް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި, ދައުލަތުގެ ވަކީލުން ބެލެންކީގެ މައްޗަށް އިއްވަން އެދުނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.
ނަމަވެސް ދެވަނަ ވެސްޓަން ޑިސްޓްރިކްޓް މިލިޓަރީ ކޯޓުން މިދިޔަ ހޯމަ ދުވަހު އޭނާގެ މައްޗަށް އިއްވީ 13 އަހަރުގެ ޖަލު ހުކުމަކާއި 500,000 ރޫބެލް (ގާތްގަނޑަކަށް 6,300 ޑޮލަރު) އިން ޖޫރިމަނާއެކެވެ. އެ ހުކުމުގެ ތެރެއިން 10 އަހަރު ހޭދަކުރަން ހުކުމްކޮށްފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ޖަލެއްގައެވެ. މި ހުކުމަށް ބެލެންކީ އިންކާރު ކުރި އިރު, އޭނާގެ ވަކީލުން ވަނީ އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.


