ފަންނާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު ހީނާ ވަލީދު އަޒަރުބައިޖާނަށް ވަޑައިގެންފި އެވެ.
އެ މިނިސްޓްރީން ބުނީ, ހީނާގެ މި ދަތުރަކީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ގައުމުގެ ވެރިރަށް ބާކޫގައި ބާއްވާ އިންޓާކަލްޗަރަލް ޑައިލޮގުގެ ހަތްވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެ ޑައިލޮގުގައި ހީނާ މިއަދު ވާހަކަދައްކަވާނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި އެކަކު އެނަކަކަށް ކުރާ އިހުތިރާމާއި ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރަން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި ސަގާފީ ދާއިރާގެ މާހިރުންނާއި އިލްމީ ބޭފުޅުންނާއި ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެއް ކަމަށެވެ.
ހީނާ އަޒަރުބައިޖާނަށް ވަޑައިގެންފައި މިވަނީ ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެންނެވިތާ ހަފުތާއެއްވެސް ނުވަނީސް އެވެ.
ހީނާ ޗައިނާއަށް ވަޑައިގަތީ މި މަހުގެ 16 އިން 20 އަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ދަތުރަކީ ޗައިނާގެ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި, ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރެއްވި ދަތުރެކެވެ.


