އައިފޯން ޑުއޯގެ ޑިސްޕްލޭއަށް ރޮގުތަކެއް އަރަނީ, އެޕަލް އިން ބުނީ ބަދަލުދޭނެ ކަމަށް!

އެޕަލް އައިފޯން ޑުއޯގެ ޑިސްޕްލޭއަށް ރޮނގުތަކެއް އަރާފައި ---

އެޕަލް ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯން ބާޒަރަށް ނެރުނުތާ މާގިނަ ދުވަހެއް ނުވަނީސް, ފޯނަށް ރޮނގުތަކެއް އަރަން ފެށުމުން ބަދަލުދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޕަލް އިން ބުނީ މަދު އަދަދެއްގެ ފޯނުތަކަށް އެ މައްސަލަ ދިމާވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަ ދިމާވި ފަރާތްތަކުން ފޯނު ބަދަލުކުރުމަށް ކުންފުންޏާ ގުޅުމަށް އެދޭ ކަމަށެވެ.

އެޕަލް އައިފޯން ޑުއާ މިދިޔަ ހަފުތާގައި ބާޒާރަށް ނެރުނު އިރު, އެ ފޯން ގަތުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެޕަލް ސްޓޯރުތައް ކައިރީގައި ގިނަ ބަޔަކު ކިއު ހެދި އެވެ. އެ ފޯން ޔޫކޭގައި ވިއްކަނީ 2,668 ޑޮލަރަށެވެ. އެހެންކަމުން މިއީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ އަގުބޮޑު އައިފޯނެވެ.

ނަމަވެސް އައިފޯން ޑުއޯގެ ސްކްރީނަށް ރޮނގުތަކެއް އަރާފައިވާ މަންޒަރު ފެންނަ ފޮޓޯތަކުން ސޯޝަލް މީޑިއާ ދަނީ ފުރާލަމުންނެވެ. ޑުއޯ ބޭނުންކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުން އެ ރޮނގު އަރަނީ ފޯންގެ ސްކްރީން ފަތްޖަހާލާ ތަނުގެ މެދުންނެވެ. އަދި ބައެއް މީހުން ބުނެފައިވަނީ ފޯނު ހުޅުވާލާއިރު ކޮންމެވެސް އެއްޗެއް މުގުރޭ ކަހަލަ އަޑެއް އިވޭ ކަމަށެވެ.

މައްސަލަ ޖެހުނީ ކިތައް ފޯނަށް ކަމެއް އެޕަލް އިން ހާމަކޮށްފައެއް ނުވެ އެވެ. އަދި މައްސަލަ ޖެހިފައިވާ ފޯނުތައް ދައްކުވައިދޭ ބައެއް ފޮޓޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކަކަށް ވެދާނެ އެވެ.

އެޕަލްގެ އެންމެ ބޮޑު ވާދަވެރިޔާ, ސެމްސަންގް އިން ނެރުނު އެ ކުންފުނީގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު ކަމަށްވާ ގެލެކްސީ ފޯލްޑް ރިވިއުކުރި ފަރާތްތަކުން އެ ފޯނުތަކުގެ ސްކްރީން ހަލާކުވާ ކަމަށް 2019 ވަނަ އަހަރު ރިޕޯޓްކުރުމާ ގުޅިގެން، އެ ފޯނަށް ވެސް ކުރީކޮޅުގައި މިފަދަ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނެވެ.

ޑުއޯ އަކީ ފާއިތުވި ދެ އަހަރުދުވަހެއްހާ ދުވަހުގެ ތެރޭގައި އެޕަލް އިން އައިފޯނުގެ ޑިޒައިނަށް ގެނައި ފުރަތަމަ ބޮޑު ބަދަލެވެ. އަދި މި ފޯނު ދައްކާލާފައިވަނީ ސެޕްޓެމްބަރު މަހު ޓިމް ކުކްގެ ބަދަލުގައި މަގާމާ ހަވާލުވި އާ ޗީފް އެގްޒެކެޓިވް ޖޯން ޓާނަސް އެވެ.