ބްރެޒިލްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ލޫލާއަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެ ގައުމުގެ ރައީސް, ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ, ލޫލާއަށް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި އެ އިންތިހާބުގައި ރައީސް ޑަސިލްވާއަށް ލިބިވަޑައިގެންނެވި ކާމިޔަބަކީ އެ މަނިކުފާނުގެ ޒައާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަން ހާމަވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް މުއިއްޒު މަރުހަބާ ދެންނެވި ކަމަށެވެ.

އަދި ރައީސް ޑަސިލްވާ ގައުމަށް ކޮންދެއްވަމުން ގެންދަވާ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރައްވައި ކުރިމަގުގައި އިތުރު ކާމިޔާބުތައް ހާސިލުވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ, ރައީސްގެ މެސެޖުގައި ރައީސް ޑަސިލްވާއަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވައި, ބްރެޒިލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާތިގަކަމަށްވެސް އެދިވަޑައިގެންނެވި ކަމަށެވެ.

ބްރެޒިލްގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި, ވާތުފިޔައިގެ ރައީސް ލޫލާ ވެރިކަމުގެ ހަތަރުވަނަ ދައުރެއް ކަށަވަރު ކުރެއްވިކަން އެ ގައުމުގެ ސުޕީރިއާ އިލެކްޓްރޯރަލް ކޯޓުން އިއުލާން ކުރީ އިއްޔެ އެވެ. އޭނާއާ ވާދަކުރެއްވީ ސެނެޓުގެ ކަނާތުފިޔައިގެ މެމްބަރު އަދި ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދޮށީ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯއާ އެވެ.