ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، އޭގެ ބަދަލުގައި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ނަމުގައި އާ ގްރޫޕެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިއްހީ ނިޒާމަށް ގެންނަ މި ބަދަލުގެ ސަބަބުން ހިދުމަތް ދިނުން ހަލުވިވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރެވޭނެ އުސޫލަކުން ކަންކަން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ނިންމި މި ނިންމެވުމާއެކު، ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާ ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ދިރިއުޅޭ ރަށުން ނުވަތަ އަތޮޅުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިއްހީ ބޭނުންތަކަށް ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
އަލަށް އުފައްދާ ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ މައިގަނޑު ބޭނުމަކީ ހޮސްޕިޓަލްތަކުގެ ދެމެދު ވަސީލަތްތައް ހިއްސާކުރުމާއި، ޑޮކްޓަރުންގެ ފަންނީ ހިދުމަތް އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަންނަ ނޮވެންބަރު މަހުން ފެށިގެން ތިން މަސް ނުވަތަ އެންމެ ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލްތައް މި އާ ނިޒާމުގެ ދަށުން ގުޅާލެވޭނެ ކަމަށާއި، ނަމަވެސް މިއީ މުވައްޒަފުން އިތުރުކުރާނެ މަޝްރޫއެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ހަރަދުގައި ތައުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވި، ހާއްސަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ހިދުމަތްތަކަށް ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގާއިމުވެ ތިއްބަވައިގެން ހިދުމަތް ފޯރުކޮށްދެއްވޭނެ އިންތިޒާމުތައް ވެސް މި ބަދަލާއެކު ހަމަޖެހިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު ސިއްހީ ދާއިރާގެ ހިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާވެ، ހިދުމަތް ދިނުމުގައި ހުރި ދަތިތައް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.


