އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީއަށް ލިބުނު ބޮޑު ބައްޔާއެކު އެ ޕާޓީގެ ލީޑާޝިޕްގެ އިސްތިއުފާއަށް ޕާޓީގެ އާންމު މެމްބަރުން ގޮވަން ފަށައިފި އެވެ.
މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ނެރުނު 89 ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެވުނީ އެންމެ 12 ކެންޑިޑޭޓުންނަށެވެ. އަދި އެމްޑީޕީން އަބަދުވެސް މެޖޯރިޓީ ދަމަހައްޓަމުން ދިޔަ މާލެ އާއި އައްޑޫ ވެސް ވަނީ އެ ޕާޓީއަށް ގެއްލިފަ އެވެ.
މިއީ އެމްޑީޕީގެ އާ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ލީޑަޝިޕްގެ ދަށުން އެ ޕާޓީއަށް ލިބުނު ދެވަނަ ބޮޑު ބައްޔެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް އެމްޑީޕީ ވަނީ ބަލިވެފަ އެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅިގެން ފައްޔާޒް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން މާޔޫސްވެއްޖެ ކަމަށެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި މިހާ ބޮޑު ބައްޔެއް އެމްޑީޕީ އަށް ލިބުމުގެ ޒިންމާ ލީޑަޝިޕުން އުފުލަންޖެހޭނެ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ބުނަމުންނެވެ.
އެގޮތުން ފައްޔާޒަށް ރައްދު ދެއްވައި އެމްޑީޕީގެ ކުރީގެ މެންބަރު އަދި މިހާރު ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ 19 ވަނަ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުނުއިރު އިއްޔެ ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 10 ގޮނޑި ކަމަށެވެ.
”ތިކަމުގެ ޒިންމާ ނަގަންޖެހޭ އެންމެ އިސް މީހަކީ ފަޔާ. ރީތި ގޮތަކީ އިސްތިއުފާ ދިނުން“ ސިރާޖު ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ވެސް ވަނީ ވިދާޅުވީ، އޭނާ އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައިހުރެ 2013ގެ ރިޔާސީ އިންތިހާބާ 2014 މަޖިލިސް އިންތިހާބު ކާމިޔާބު ނުވުމުން ޑިމޮކްރަސީގެ އުސޫލުން ޒިއްމާ ނަގައި އިސްތިއުފާދީ، ފަހަތަށް ޖެހުނު ކަމަށެވެ.
އެމްޑީޕީގައި މަސައްކަތް ކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، އެމްޑީޕީ ބަލިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީގެ ބަލިކަށި ލީޑާޝިޕް ކަމަށާއި އެ ބޭފުޅުން ބޮޑަށް ޝައުގުވެރިވީ ދޮގު ފެތުރުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ޕޮލިސީ އެޖެންޑާއެއް، ޕޮލިޓިކަލް ސްޓްރެޓެޖީއެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ވަނީ ޕާޓީގެ ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ. އެގޮތުން ޝަފީގު ކިޔާ އެކައުންޓަކުން ފައްޔާޒަށް ދިން ރައްދުގައި ބުނީ ގައުމުގެ ހުރި މައްސަލަތަކައް އެޑްރެސް ނުކުރާހާ ހިނދަކު އެމްޑީޕީއަށް ދެން އިންތިހާބެއް ކާމިޔާބު ނުވާނެ ކަމަށެވެ،
”ޕާޓީން ގަބޫލުކުރި ސިޔާސަތާ ޕާޓީން ދުރަށް ދިޔަތާ އެތައް ދުވަހެއް ވެއްޖެ. މީހުންގެ އިތުބާރު ގެއްލިއްޖެ، އަލުން ހުރިހާ މަސައްކަތެއް ފަށަންޖެހޭ،“ ޝަފީގު ބުނެފައިވެ އެވެ.
އިބްރާހީމް ރަޝީދު ކިޔާ އެކައުންޓަކުންވެސް ވަނީ ފައްޔާޒު ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ. އޭނާ ބުނީ މިއީ ޖެހިޖެހިގެން އިންތިހާބަކުން ބަލިވި ދެވަނަ ފަހަރު ކަމަށެވެ. އެމްޑީޕީގެ ލީޑާޝިޕާ ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށްވާ ޑުސޫ މޫސާ ވެސް ވަނީ ފައްޔާޒުގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން:
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި