ޖުލައި 1, 2024

ކުރާނޭ މަސައްކަތެއް އޮވެ، ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ

ކުރާނޭ މަސައްކަތެއް އޮވެފައި، އެ މީހެއްގެ ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ ކަމަށް ކީރިތި ރަސޫލާ އަންގަވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ފަރުޟު ޒަކާތާއި އިގުތިސާދާހުރި ގުޅުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ފަގީރުކަމުގެ ހާލަތަކީ އަގީދާގެ ގޮތުންނާއި ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމުން ފަގީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ހާލަތެއް ނޫން ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެންޖެހޭއިރު، ކޮންމެ ކޮންމެ މީހަކު އެފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، ޒަކާތުގެ ދައުރު ޖެހެނީ އެ ހިސާބުން ކަމަށާއި ޒަކާތް ފަރުޟު ކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ހައްގުވެރިންނަށް އަދާކޮށް ދިނުމަށްޓަކައި ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި ޒަކާތް ފަރުޟު ކުރެއްވީ ހަމައެކަނި ފަގީރު މީހާގެ ހާޖައްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ނޫން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށާއި އެއީ ފަގީރުންނާއި މިސްކީނުންގެ ނިކަމެތި ހާލަތުން އަރައިގަނެ އެބައި މީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދިނުން ކަމަށެވެ.

އޭގެ އިތުރުން ޒަކާތް ދެއްކުމުގެ ސަބަބުން އިގުތިސާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިގުތިސާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭއިރު، ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވާ ކަމަށްވެސް ބުންޏެވެ.

އިސްލާމްދީން ބާރުއަޅަނީ ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުގު ހޯދުމަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ.

އެގޮތުން ރަމަޟާންމަހު ފިތުރުޒަކާތް ދެއްކުމުން ފުދުނީ ކަމާއި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކަން ނުޖެހޭނެ ކަމަށް ބައެއް މީހުން ހީކުރާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ ކަމަށާއި އެފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަގީރަކަށް ދިނުމުން ފުދޭނެ އެވެ.

ނަމަވެސް އިލްމުވެރިންނާ ހަވާލާދީ ހުތުބާގައި ބުނީ، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީއަވާނެ ކަމަށެވެ.