ސަރުކާރުގެ އަމާޒަކީ ލ. އަތޮޅުގެ ފޮނަދޫއާއި ގަން، ސިޓީއަކަށް ބަދަލުކޮށް، ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި އެއްވުމުގައި ފައިސަލް ވިދާޅުވީ އޭނާ ދެން އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ އެއްފަސްކޮށް އޮންނަ ގަން، ފޮނަދޫ ސިޓީއަކަށް ބަދަލުވާ ދުވަސް ކަމަށެވެ. ސަރުކާރުން ވަނީ ލ. އަތޮޅަށް ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ރާވާފައި ކަމަށާއި އެ މަޝްރޫއުތަކުގެ ސަބަބުން ފޮނަދޫއާއި ގަން ސިޓީއަކަށް ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބެއް ގައި މިތަނުގައި ބޭއްވޭނީ މޭޔަރު ކަމުގެ އިންތިހާބު. މިތަނުގައި އަޅުގަނޑުމެން އިންތިހާބު ކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު“ ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ލ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން މިހާރު ވެސް ދަނީ ބޭރުގެ އިންވެސްޓަރުންނާ މަޝްވަރާ ކުރަމުން ކަމަށެވެ. ކުރިއަށް އޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭ ދުބާއީގެ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް ލ. އަތޮޅުން ރަށެއް ޓޫރިޒަމް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
”ހާއްސަކޮށް ބަރެސްދޫ ޕްރޮޖެކްޓު އަޅުގަނޑުމެން ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާނަމު. އަދި ލ. އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓުގެ ހަތަރު ރިސޯޓު މަދުވެގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަމުގައި އަޅުގަނޑުމެން ގާއިމްކުރާނަން،“ ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިއަދު އޮތީ ލ. އަތޮޅުގައި ކަމަށްވުމުން ލ. އަތޮޅުގެ ތަރައްގީވާނެ ކަމާމެދު ޔަގީންކަން އެބައޮތް ކަމަށެވެ.


ގުޅުންހުރި
ފައިސަލްގެ ދިރިއުޅުން އުފަށް ރަށް ފޮނަދުއަށް ބަދަލުކުރަނީ
އަބްދުއްރަހީމާއި ފައިސަލަށް ހަމްދަރުދީއެއް ނެތް، ކުރިކަމެއްގެ އަޖަލު އެ މީހަކާ ބައްދަލުކުރާނެ:
ފައިސަލްގެ ބަޔާނެއް: ދިން ފުރުސަތަށް ރައީސަށް ޝުކުރު، ގައުމަށް ހިދުމަތް ކުރުމަކީ
ތަކަންދޫގެ އާސާރީ ތަންތަން ހިމާޔަތްކޮށް ކަލްޗަރަލް ޓޫރިޒަމް ގާއިމުކޮށްދޭނަން: ރައީސް
ފައިސަލްގެ ޕޯސްޓެއް: ނަޝީދު ޓެގުކޮށް، ލިޔުއްވީ އެ މަނިކުފާނުގެ ބަސްކޮޅެއް!
ފައިސަލް ދެން މި ސަރުކާރާއެކު ނުހުންނާނެ: އަބްދުއްރަހީމް