އޮކްޓޯބަރ 6, 2024

މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފިން، ނުދެވި ހުރީ 27 މިލިއަން ރުފިޔާ: ޝިޔާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރާ ހަވާލުވެވަޑައިގަތްފަހުން މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މަސްވެރިންނަށް ނުދެވީ ހުރީނ 27 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

”އަހާ ފޯރަމް“ ގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ބޮޑު ބެކްލޮގެއް އޮތް ކަމަށެވެ. ބެކް ލޮގުގައި ހުރި ފައިސާތައް އެއްފަހަރާ ދިނުމަކީ އިގްތިސޯދީ ހާލަތު އޮތް ގޮތުގެ ސަބަބުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

”ރައީސް ޒައާމަތާއި ހަވާލުވެވަޑައިގެން ފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ މިއަދާ ހަމައަށް ދެއްކިއްޖެ. 27 މިލިއަން ރުފިޔާ އެބައޮތް ޑިއު. މަސްވެރިން ރަނގަޅަށް މަސްބާނަ ކަމަށްވާނަމަ އެ ދުވަހުން ދުވަހަށް ފައިސާ ނުދެއްކޭނަމަ ހުންނާނެ ފައިސާ. އެހެން ނަމަވެސް މި މުސާރަ މި މަހު ނިންމާފަ މިފްކޯއިން ދައްކާނެ.“ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ހަވާލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރޯދަމަހުގެ ކުރިން ފައިސާ ދައްކާ ހަލާސްކޮށްފައިވާނެ ކަމަށެވެ.