ށ . ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ނޮދަން އޭރިއާގެ ސިފައިން އެ ރަށަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށެވެ.
އަދި އެ ރަށުގެ އެއާޕޯޓުގެ ފަޔާ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާއިރު، އެ ސަރަހައްދުގައި ހުރި ހަތަރު ގެޔަކަށާއި ފަސް ވޯކްޝޮޕް/ ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ.
އަދި އެ ސަރަހައްދުގެ ގެތަކުން މީހުން މިހާރު ހުސްކޮށްފައިވާ ކަމަށްވެސް ބުންޏެވެ.


