ޖުލައި 6, 2024

ވެމްކޯގެ އޮޕަރޭޝަންތަކުގައި ޕްލާސްޓިކް ކުނި މެނޭޖު ކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށްފި

ވެމްކޯގެ އޮޕަރޭޝަންތަކުގައި ޕްލާސްޓިކް ކުނި މެނޭޖުކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށް، މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށްފި އެވެ.

އެ އުޅަނދުތައް ވެމްކޯއާ ހަވާލުކުރީ، 18 މާޗު 2024ގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިންނެވެ. އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނީ ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އެވެ.

ވެމްކޯގެ ފްލީޓަށް އިތުރުކުރި އުޅަނދުތަކުގެ ތެރޭގައި ދެ އިލެކްޓްރިކް ވެހިކަލް (އީވީ) އާއެކު ޖުމުލަ ހަ އުޅަނދު ހިމެނެ އެވެ.

ވެމްކޯ އިން ބުނީ، އެ އުޅަނދުތަކުގެ އެހީ އާއެކު މާލެ ސަރަހައްދުގައި ޕީއީޓީ ކުނި އެއްކުރުމާއި ޖުމުލަކޮށް މުޅި ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި ކުނި މެނޭޖުކުރުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑި އަކަށްވާއިރު މިއީ ޔޫއެންޑީޕީ މޯލްޑިވްސް އިން އެކަމަށް ވެދޭ އެހީތެރިކަން ފާހަގަކޮށްދޭ ކަމެއް ކަމަށްވެސް ބުންޏެވެ.

ވެމްކޯ އިން ބުނީ، ކުނި މެނޭޖުކުރުމުގައި މިފަދަ ’ކްލީން އެނާޖީ ސޮލިއުޝަންސް‘ ބޭނުންކުރުމަކީ ރާއްޖޭގެ ކާބަން ފުޓްޕްރިންޓް މިހާރަށް ވުރެ ދަށްކޮށްދޭނެ ކަމެއް ކަމަށެވެ.

”މިއީ ރާއްޖޭގައި ކުނި ރީސައިކަލް ކުރެވޭ މިންވަރު އިތުރުކޮށް، އެންވަޔަރަމަންޓަލް ޕޮލިއުޝަންގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެއް،“ ޔޫއެންޑީޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ގަން ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ، ވެމްކޯގެ ފްލީޓަށް އީވީ އިތުރުކުރުމަކީ ޕީއީޓީ ކުނި ރީސައިކަލް ކުރުން ހަރުދަނާ ކުރުމުގެ އިތުރަށް، ކާބަން އެމިޝަންސް ދަށްކުރުމާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް އިޔާދަކުރަނިވި ހަކަތަ ފުޅާކުރެވޭނެ ބަދަލެއް ކަމަށެވެ. އަދި އެފަދަ އީކޯ-ފްރެންޑްލީ އުޅަނދުތަކަކީ ވެމްކޯއަށް ގެނެވޭ ބޮޑު ބަދަލެއް ކަމަށްވެސް ވިދާޅުވި އެވެ.

ޖަލީލު އިތުރަށް ވިދާޅުވީ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި މާނަހުރި މަސައްކަތްތަކެއް ކުރެވޭނެކަން އެނގިގެންދާ ކަމަށާއި އެ އުޅަނދުތަކާ އެކު ތިމާވެއްޓާއި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ޓީސީސީއެފް އާއި ވީޕީ ކޮމިއުނިޓީ އެފެއާޒްގެ ރައީސް ސާޑިއާ މެޑްސްބާގް ވިދާޅުވީ އެ ޖަމިއްޔާގެ އަމާޒަކީ ހަމައެކަނި ކުނި ރީސައިކަލް ކުރުމުގެ ބަދަލުގައި ރާއްޖޭގައި ކުނި މެނޭޖުކުރުން ހަރުދަނާ ކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ސަގާފަތެއް ދިރުވުން ކަމަށެވެ. އަދި ރާއްޖޭގައި ކުރާ މިފަދަ މަސައްކަތްތަކާ އެކު ތިމާވެއްޓަށް ފާރަވެރިވުމުގައި ބެންޗްމާކްތަކެއް ސެޓް ކުރުމުގެ އަމާޒު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.