ނޮވެމްބަރ 22, 2024

ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭ މީހުންނަށް ހާއްސަ ތަނެއްގެ ގޮތުގައި: ހީނާ

ގްރޭޓާ މާލޭ އެރީއާގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްގީކުރި ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭ މީހުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށް ރައީސްގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރީގައި މިހާރުހުރި ވަސީލަތްތައް މަދުވުމުންނާއި ކުޑަގިރީގައި ހުރި ދަތިތަކުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެކަންކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުޑަގިރި މިހާރަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ލިބޭ ގޮތަށް ތަރައްގީކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

”ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި“ ހީނާ ވިދާޅުވިއެވެ.

ކުޑަގިރިއަކީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރި ތަނެކެވެ. ކުޑަގިރި ޕިކްނިކް އައިލެންޑުގެ ގޮތުގައި ތަރައްގީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ގަ އެވެ. އެތަން ހުޅުވައިދެއްވީ ރައީސް ސޯލިހެވެ.

ކުޑަގިރި ތަރައްގީ ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެތަން ބަލަހައްޓަން ހަވާލުކޮށްފައިވަނީ އެޗްޑީސީއެވެ.

ކުޑަގިރީ ތަރައްގީ ކޮށްފައިވަނީ ވޮލީބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްވެސް ހިމެނޭ ގޮތަށެވެ. އަދި ވޯޓާ ސްލައިޑްސްތަކާއި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.

Leave a Reply