2028ގެ އިންތިހާބު ޕީއެންސީން ކާމިޔާބު ކުރާނީ ކޯލިޝަނަކާ ނުލައި ތަފާތު ބޮޑުކޮށް: ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ---

ކޯލިޝަނަކާ ނުލައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލުގެ ތިން ގޮނޑިވެސް ޕީއެންސީއަށް ލިބުމުގެ ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި އިއްޔެ ހުންނަވައި ’އެމްއެމްޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ, މީދޫން ޕީއެންސީއަށް ލިބުނު ކާމިޔާބަކީ ވަރަށް މުހިންމު ކާމިޔާބެއް ކަމަށެވެ.

އަދި އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެންމެ އެދެވޭ ނަތީޖާ ނުނެރެވުނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން ކަމަށް ސަލީމް ވިދާޅުވި އެވެ.

”ލޯކަލް ކައުންސިލު އިންތިހާބުގައި އަޅުގަނޑުމެން ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރިއިރުގައި ފެންނަ ނުފެންނަ ވޯޓުގައި، މިދެއެއްޗާއެކު މަސައްކަތްކުރުމުގެ ނަތީޖާއަކީ ކޮންމެެވެސް މިންވަރެއްގެ އުނިކަން އައުން. އެހެންނޫންނަމަ 80 ޕަސެންޓް ނަގާނެ. މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި އިންތިހާބެއް ބޭއްވިޔަސް އަޅުގަނޑުމެން ކާމިޔާބުކުރާނަން،“ ސަލީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ނަތީޖާއަކީ ރައީސަށާއި ޕީއެންސީއަށް ތާއީދު ނެތް ކަމަށް ދަލީލުކުރާ ނަތީޖާއެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ހުރިހާ ބައި-އިލެކްޝަނެއްގައިވެސް ޕީއެންސީން ކާމިޔާބު ހޯދާނެ ކަމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ތަފާތު ބޮޑުކޮށް ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި އެވެ.