ޖުލައި 4, 2024

ސިހުރު ހެދި މީހާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގައިފި

ނިމިދިޔަ ރައްޔިތުންގެ މަޖީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހްއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއާ ދެކޮޅަށް އެ ރަށު މީހުން މުޒާހާރާކޮށް، ހަމަނުޖެހުން ހިންގައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައި ކަމަށެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި އެ މީހާހައްޔަރުކުރުމާއެކު، ފުނަދޫ ޕޮލިސް ސްޓޭޝަން ކައިރީގައާއި ކޯޓު ކައިރިއަށް އެ ރަށު މީހުން ވަނީ އެއްވެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކޯޓު ކައިރިއަށް އެއްވި މީހުން ވަނީ ކޯޓު ތެރެއަށް ވަންނަން މަސައްކަތްކޮށްފައެވެ. އެއިރު ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މީހާހުރީ ކޯޓު ތެރޭގައެވެ. ހަމަނުޖެހުން ހިނގީ، ކޯޓުތެރެއަށް ވަންނަން އާންމުން އުޅުމުން ފުލުހުން އެކަމަށް ހުރަސް އެޅުމުންނެވެ. އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށާއި އެ ސަރަހައްދުން މީހުން ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފައެވެ.

އެނގިފައިވާ ގޮތުގައި ސިހުރު ހެދިމައްސަަލާގައި ހައްޔަރުކުރީ ތ. ވިލިފުށިން އެރަށަށް އައިސް އުޅުނު މީހެކެވެ. ސިހުރު ހަދާފައިވާކަން އެނގުނީ، އޭނާ ސިހުރު ހަދާތަން މީހަކަށް ފެނުމުންނެވެ. ސިހުރު ހަދާފައިވާ ‘ލޯމުރު’ (ލޮއިން ހަދާފައި ހުންނަ ތޫނު އެއްޗެއް) އެރަށުގެ ބައެއް ގޭގެއިންނާއި، ގަަސްތަކަށް ޖަހާފައި ވަނިކޮށް ފެނިފައިވެއެވެ. އެތަންތަނުގައި ސިހުރު ކަމަށް ބެލެވޭ އާޔަތްތަކެއް ވެސް ހުރީ ލިޔެފައެވެ.