ޖުލައި 6, 2024

އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނު ކުނި ނަގައިފި، ގޮނޑު ނުކުރެވޭ ގޮތަށް އެތަން ބަންދުކުރަނީ

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށް އެތަނުން 928 ޓަނުގެ ކުނި ނަގައިފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގައި ވެމްކޯ، ލޯކަލް ގަވަރްނެސް މިނިސްޓްރޫ، ހައުސިން މިނިސްޓްރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ފުލުހުން ދަނީ ބައިވެރިވަމުންނެވެ.

ވެމްކޯއިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ”ތިން ދުވަހުގެ ތެރޭގައި އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި ނަގައި ސާފު ކޮށްފައިވާ “ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އިންޑަސްޓްރިއަލް ޒޯން ސާފު ކުރުމަށްފަހު އެ ސަރަހައްދުގެ ބައެއް މަގުތަކަށް އާންމުނަށް ނުވަދެވޭ ގޮތައް ބަންދުކުރާނެ ކަމަށެވެ. އެއީ އެ މަގުތަކުގައި ޕިކަޕްތައް ޕާކުކޮށް ކުނިއަޅާތީ ކަމަށް ކައުންސިލުން ބުންޏެވެ.

”އަދިވެސް އިންޑަސްޓްރިއަލް ވިލެޖަށް ވަދެވޭނެ. އެކަމަކު ބޮޑެތި ކުނި ހިފައިގެން ނުވަދެވޭނެ, އެތަނުގައި ހުންނަ ވެމްކޯ ސްޓޭޝަން ފަޅިއަށް ދެވޭނީ. ޕެޓްރޯލް ޝެޑުތަކަށް ވެސް ދެވޭނެ“ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އިންޑަސްޓްރިއަލް ޒޯން ސާފު ކުރުމުގެ މަސައްކަތް ފަށައިފައިވަނީ އެތަން ސާފުނުކޮށް ގިނަ ދުވަސްވެފައިވާތީ ބަތިލަތް އިތުރުވަމުންދާތީ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖް މިހާރު އޮތީ ވެހިކަލްތަކުން ތޮށްޖެހި، ފުރި ބާރުވެފައެވެ. އުކާލަން ޖެހޭ ދަގަނޑުތަކާއި ކުނިބުނީގެ އެތައް އެއްޗެއް ހުރީ އެތަނަށް އުކާލައިފައެވެ. އެ ތަަނުން ގނަ ސަރަހައްދުތަކުން ކުނި ނޫން އެއްޗެއް ނުފެނެއެވެ.