ޖުލައި 6, 2024

މިދިޔަ ހަފުތާތެރޭ ޗިކުންގުންޔާ ޖެހިގެން 117 ކޭސް، އެއީ ދުވާލަކު 16 މީހުން!

މިދިޔަ ހަފުތާ ތެރޭގައި، އެޕްރީލް މަހުގެ 28 ވަނަ ދުވަހުން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޗިކުންގުންޔާގެ 117 ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭން މިރޭ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެއީ ދުވާލަކަށް 16 ކޭސް އެވެ.

ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އެޕްރީލް މަހުގައި ޗިކުންގުންޔާގެ 117 ކޭސް ވަނީ ފެނިފައެވެ. މިމަހުގެ މިހާތަނަށް ފެނިފައިވަނީ ޗިކުންގުންޔާގެ 58 ކޭސް އެވެ.

އެޗްޕީއޭއިން ބުނީ ޗިކުންގުންޔާގެ ޖުމްލަ 240 ކޭސް ރާއްޖެއިން ފެނިފައިވާ ކަމަށެވެ.

ޗިކުންގުންޔާގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ މާލެއިންނެވެ. އެއީ 193 ކޭސްއެވެ. ހުޅުމާލެއިން 40 ކޭސް ފެނިފައިވާއިރު ށ. އަތޮޅު، ބ. އަތޮޅު އަދި ލ. އަތޮޅުން ވަނީ ޗިކުންގުންޔާގެ އެއް ކޭސް ފެނިފައެވެ. އަދި ހއ. އަތޮޅުން ވަނީ އެ ބަލީގެ ދެ ކޭސް ފެނިފައެވެ.

ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި، ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވުމުންވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ.

މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3 ދުވަހާއި 7 ދުވަހުގެ ތެރޭގައެވެ. މިހާތަނަށް ބަލިޖެހިފައިވާ މީހުންގެ ތެރެއިން ގިނައީ އުމުރުން 25 އަހަރުން މަތީގެ މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ.