އޮކްޓޯބަރ 6, 2024

ޓެކްސީ ޑްރައިވަރުން ޝަކުވާ ކުރާތީ، ޑޮމެސްޓިކް ޓާމިނަލަށް ދާނަމަ އިތުރު 10ރ. ނެގޭ ގޮތަށް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު 10ރ. ނެގޭ ގޮތަަށް ސަރުކާރުން ހަދައިފި އެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިދިޔަ ޑިސެމްބަރު މަހު ހަމަޖެއްސި، ނަމަވެސް ބައެއް ޓެކްސީތަކުން ޑޮމެސްޓިކް ޓާމިނަލާ ހިސާބަށް ދަތުރު ކުރަން ދެކޮޅު ހަދަ އެވެ.

އެކަމަށް ޓެކްސީތަކުން ދެކޮޅު ހަދަނީ ޑޮމެސްޓިކް ޓާމިނަލަށް ދާ ޓެކްސީތަކުން، ޔޫ ޓާން ނަގަން ޖެހޭނީ ކާގޯ އޭރިއާއާ ހިސާބުން އެ ކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ކަމަށް ބުނެ އެވެ. އަދި މިނިސްޓްރީން އެތަނަށް ވަކި އަގެއް ކަނޑަނާޅައި އޮތުމުން ޓެކްސީ ޑްރައިވަރުން އެ ސަރަހައްދަށް މަޑު ކުރަނީ އެ މީހުން ބޭނުންވާ އަގަކަށެވެ.

ނަމަވެސް އެކަން ހައްލުކުރަން ފުލުހުން ނެރުމުން ޓެކްސީ ޑްރައިވަރުން ވަނީ އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލައިފަ އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ވަނީ މާލެ ސަރަހައްދުގެ ޓެކްސީގެ އަގުތައް މިއަދު އަލުން އިއުލާންކޮށްފި އެވެ. އިއުލާނެއްގައިވާ ގޮތުން އާ އަގުތަކަށް އަމަލުކުރާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައިވާ ގޮތުން ހަ ސީޓު ހުންނަ ކާރުތަކަަށް ޑޮމެސްޓިކް ޓާމިނަލަށް ދިއުމަށް އިތުރަށް ނެގޭނީ 10ރ. އެވެ. އަދި 7-10 ސީޓު ހުންނަ ވޭންތަކަށް ޑޮމެސްޓިކް ޓާމިނަލަށް ދިއުމަށް އިތުރަށް 15ރ. ނެގޭނެ ކަމަށް ބުނެފައިވެ އެވެ.

މި ގެނައި ބަދަލާއެކު ހަ ސީޓު ހުންނަ ކާރުތަކަށް ޑޮމެސްޓިކް ޓާމިނަލަށް ދަތުރުކުރަން ދެން ނެގޭނެ އަގުތައް:

  • މާލެއިން ޑޮމެސްޓިކް އެއާޕޯޓަށް: 80ރ.
  • ހުޅުމާލެ ފޭސް 1 އިން ޑޮމެސްޓިކް އެއާޕޯޓަށް: 90ރ.
  • ހުޅުމާލެ ފޭސް 2 އިން ޑޮމެސްޓިކް އެއާޕޯޓަށް: 95ރ.

 

މި ގެނައި ބަދަލާއެކު 10-7 ސީޓު ހުންނަ ކާރުތަކަށް ޑޮމެސްޓިކް ޓާމިނަލަށް ދަތުރުކުރަން ދެން ނެގޭނެ އަގުތައް:

  • މާލެއިން ޑޮމެސްޓިކް އެއާޕޯޓަށް: 120ރ.
  • ހުޅުމާލެ ފޭސް 1 އިން ޑޮމެސްޓިކް އެއާޕޯޓަށް: 135ރ.
  • ހުޅުމާލެ ފޭސް 2 އިން ޑޮމެސްޓިކް އެއާޕޯޓަށް: 140ރ.