ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެޗްގައި ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
އެމެރިކާގެ މަޔާމީގައި ހުންނަ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ސައުދީ އަރަބިއްޔާއިންނެވެ. މެޗުގެ 41 ވަނަ މިނެޓުގައި އަބްދުލްއިލާހް އަލް-އަމްރީ ކާމިޔާބުކޮށްދިން ގޯލުން ސައުދީން ކުރި ހޯދިއެވެ.
ނަމަވެސް މެޗުގެ ފަހު ހާފުގައި އުރުގުއާއީން ވަނީ ކުޅުން ރަނގަޅުކޮށް، ސައުދީގެ ގޯލަށް ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ގޯލު އުރުގުއާއީއަށް ކާމިޔާބުކޮށްދިނީ މެކްސީ އަރައުހޯއެވެ.
މެޗުގެ ގިނަ ވަގުތު އުރުގުއާއީ އިން ބޯޅަ ކޮންޓްރޯލުކޮށްގެން ކުޅުނު ނަމަވެސް، ސައުދީގެ ކީޕަރު މުހައްމަދު އަލް އޮވައިސްގެ ހުޝިޔާރުކަމުގެ ސަބަބުން އިތުރު ގޯލުތަކެއް ވަނަނުދީ ވަނީ ހިފަހައްޓާފައެވެ. އަލް އޮވައިސްގެ ފަރާތުން ވޯލްޑް ކަޕް 2022 ގައި ސައުދީން އާޖެންޓީނާ ބަލިކޮށް ސިހުމެއް ގެނުވި މެޗުގައި ވެސް މޮޅު ސޭވްތަކެއް ފެނިގެންދިޔައެވެ.
މި ނަތީޖާއާއެކު ފުރަތަމަ މެޗުތަކަށްފަހު ގްރޫޕު އެޗްގައި ހިމެނޭ ކޮންމެ ޓީމަކަށް ވެސް ލިބިފައި މިވަނީ، އެއް ޕޮއިންޓެކެވެ. މި ގްރޫޕުގެ އަނެއް މެޗުގައި، ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑުން ވަނީ ޔޫރަޕް ޗެމްޕިއަން ސްޕެއިން ހިފަހައްޓައި މުޅި ދުނިޔެއަށް ސިހުމެއް ގެނެވައިފައެވެ.


