ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްގެން އިންޑިއާ ބޯޓަކަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ސަރުކާރުން މާފުކޮށްދީފި އެވެ.
މި މައްސަލައަކީ އިންޑިއާގެ އުޅަނދެއް ކަމަށްވާ ”ހޮލީ ސްޕިރިޓް“ އިން ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ، އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ޖޫރިމަނާކޮށް، ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައުލަތަށް ލިބިދިނުމަށާއި އިންޑިއާގެ އުޅަނދު ދައުލަތަށް ނެގުމަށް އަންގައި އަމުރުކޮށްދިނުމަށް އެދި ފިޝަރީސް މިނިސްޓްރީން ހުށެހަޅުމުން ސިވިލް ކޯޓުން ބެލި މައްސަލައެކެވެ.
މި މައްސަލައިގެ ނިންމުމުގައި ސިވިލް ކޯޓުން ބުނެފައި ވަނީ، އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސް އޮފީހުގެ 10 މާޗް 2024ގެ ސިޓީން މައާފު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް އުޅަނދުވެސް 17 މާޗް 2024 ވަނަ ދުވަހު ރާއްޖެއިން ފުރުވާލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންކަމުން އެ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ބޭނުން ކަމަށް ފިޝަރީޒް މިނިސްޓްރީން 7 މެއި 2024 ގައި ފޮނުވި ސިޓީން އަންގާފައިވާ ކަމަށް ބުނެފައިވާތީ، ފިޝަރީޒް މިނިސްޓްރީން ހުށަހެޅި މައްސަލައިގެ ދައުވާފޯމް ބާތިލް ކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެެވެ.




ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ