ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފުކޮށް، އެ ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 ޕަސެންޓް ކަނޑައެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާން ކުރެއްވީ އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭންޖެހޭ ކަމަށެވެ.
އަދި މިއަދު މުޅި ދުނިޔޭގައިވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެ ވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އެއްވެސް ބައެއްގެ އުޖާލާ އަދި އުންމީދީ މުސްތަގުބަލަށް އެޅޭ ހުރަހަކަށް، މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަށް، ބޭންކުތަކަށާއި ބައިނަލްއަގުވާމީ އިދާރާތަކަށާއި އެހެނިހެން މާލީ އިދާރާތަކަށް ގޮވާލެއްވި އެވެ.
އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށްވެސް އެ މަނިކުފާނު ގޮވާލެއްވި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު