ޖުލައި 4, 2024

ފަރެސްމާތޮޑާ އެއާޕޯޓުގައި 20 މިލިއަން ޑޮލަރުގެ ޓޫރިސްޓް ހޮޓަލެއް ހަދަނީ

ފަރެސްމާތޮޑާ އެއާޕޯޓްގައި ޓްއަރިޒަމް ޒޯންއެއް ތަރައްގީކޮށް ޓޫރިސްޓު ހޮޓަލެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)އާއި ސިލްވާ ލޭންޑް ހޮޓެލްސްއާ ދެމެދު އިންވެސްޓްމަންޓް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެކަމުގެ އެމްއޯޔޫގައި އާރްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު މުބީންއެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުހަންމަދުއެވެ.

އާރްއޭސީއެލުން ބުނީ އެއީ 20 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ސިލްވާ ލޭންޑް ހޮޓަލްސްއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެމްއޯޔޫގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓާ އިންވެގެން އޮތް ހުސްބިމުގައި 100 ޓުއަރިސްޓް ކޮޓަރީގެ ސިޓީ ހޮޓަލެއް ހަދާނެ ކަމަށް އާރްއޭސީއެލުން ބުންޏެވެ. އެ ސިޓީ ހޮޓަލުގެ ސަބަބުން 200 އަށްވުރެ ގިނަ ވަޒީފާ އުފެދިގެން ދިޔުމުގެ އިތުރުން އެ ސަރަހައްދުގައި އެހެން ވިޔަފާރިތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް އާރްއޭސީއެލުން ބުންޏެވެ.

އެމްއޯޔޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުބީން ވިދާޅުވީ އެމްއޯޔޫގައި ހުރި ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުގެ އެއްބާރުލުން ލިބެމުންދާނަމަ ތިން މަސްދުވަސް ތެރޭގައި ސިޓީ ހޮޓާ ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި އެފަދަ ސިޓީ ހޮޓަލްތައް ހަދާ ރައްޔަތުންނަށް އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ އާރްއޭސީއެލްގެ އަމާޒު ކަމަށް މުބީން ވިދާޅުވިއެވެ.

Leave a Reply