އޮކްޓޯބަރ 6, 2024

ލޭނު އަޅަން ފަށައިފި ނަމަ މަސްވެރިން ބަނގުރޫޓުވާނެ: ބީކޭއެމްޔޫ

ބޮޑުކަންނެލި މަސްވެރިކަމަށް ލޭނުއަޅަން ސަރުކާރުން ހުއްދަ ދީފި ނަމަ އާންމު މަސްވެރިން ބަނގުރޫޓުވެގެން ހިނގައިދާނެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނެފި އެވެ.

ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރި ކަމަށް ލޭނު އެޅުން ހުއްދަކުރަން މަސައްކަތް ކުރާތީ ބީކޭއެމްޔޫއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން ފެށުމުގެ އެކަމުގެ ފައިދާ ވާނީ މަދު ކުންފުނިތަކަކަށް ކަމަށެވެ. ލޭނު އެޅުން ހުއްދަ ކުރުމުން ބޭރު އަދި ދިވެހި ކުންފުނިތަކުގެ ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރު ކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދާނެ ކަމަށާއި އެކަމުގެ ސަބަބު އާންމު މަސްވެރިންނަށް ފައިދާއެއް ނުވާނެ ކަމަށް ބީކޭއެމްޔޫއިން ބުންޏެވެ. 

އަދި  އެއް ބޯޓުން އަނެއް ބޯޓަށް މަސް ގަނެވިއްކުމާއި ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެ، ދިވެހި އަތުންނާއި ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑު ދަށްވެގެންދާނެ ކަމަށް ބީކޭއެމްޔޫއިން ބުންޏެވެ،

”ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީ އާއި ހަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓުކޮށްގެން ތިބި އޮޑިވެރިންނާއި ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތައް ބަނގުރޫޓުވާނެ އެވެ،“ ބީކޭއެމްޔޫއިން ބުންޏެވެ.

މީގެ އިތުރުނ ބުނީ ދޯންޏަށް ބޭނުންވާ ތެލުގެ ހަރަދާއި ކަންނެލި މަސްވެރިކަން ކުރަން ހޭދަކުރަން ޖެހޭ ހަރަދު އެހާ ބޮޑުއިރު، ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭ ކަމަށެވެ.

”އެހެންކަމުން މި ޖަމިއްޔާގެ މުހިންމު ޑިމާންޑެއް ކަމުގައިވާ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު (80 އާއި 100ރ.) ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކަނޑައެޅުމަށާއި މިފްކޯއިން ކަންނެލި ގަންނަން ފެށުމަށްފަހު ނޫނީ ލޭނު އަޅަން ހުއްދަ ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ،“ ބީކޭއެމްޔޫން ބުންޏެވެ.

Leave a Reply