ޖުލައި 4, 2024

ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަހާ ގުޅުވައި އެމްޑަބްލިޔުއެސްސީން ކުރެހުމުގެ މުބާރާތެއް ފަށައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ”ފެނުން ދިރުން“ ނަމުގައި އެމްޑަބްލިޔުއެސްސީއިން އެންސީއޭއާ ގުޅިގެން ކުރެހުމުގެ މުބާރާތެއް އިފްތިތާހުކޮށްފި އެވެ.

ސަލްޓަން ޕާކުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މުބާރާތް އިފްތިތާހް ކޮށްދެއްވީ ޔޫތް މިނިސްޓަރު އިބްރާހީމް ވަހިދު އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހަމަދުއެވެ.

އެރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ނެޝަނަލް ސެންޓާ ފޯ ދި އާޓްސް ގެ އިސް ބޭފުޅުންގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ބޯރޑް މޭމްބަރުންނާއި، މެނޭޖުމަންޓް ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން 1 ވަނަ އަށް ހޮވޭ ފަރާތަށް 50,000 ރުފިޔާ، 2 ވަނަ އަށް ހޮވޭ ފަރާތަށް 35،000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ފަރާތަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެނދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެކުރުހުންތަކަށްވެސް ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށާއި އެ ފަސް ކުރެހުން ހޮވިގެން ދާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ފަސް ކުރެހުމަށް ބެލުފަހުގައި ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު، 18 އަހަރުން މަތީ ކޮންމެ މީހަކަށް ވެސް ވަނީ ހުޅުވައިފައި ކަމަށާއި www.fenundhirun.mwsc.com.mv މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި އާޓްސް ގެލަރީގައި ހާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބާއްވާނެ ކަމަށެވެ.
މުބާރާތުގަައި ބައިވެރި ކުރާ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތު ވެސް އެގްޒިބިޝަންގައި ހުޅެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެގޮތުން ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15 ޕަސަންޓް ލިބިގެންދާނެ ކަމަށާއި ބާކީ 85 ޕަސަންޓް ބޭނުން ކުރެވޭނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

Leave a Reply