ވޯލްޑް
ކަޕް

އެމްބާޕޭ، ޕެރެގުއާއީއަށް: އަހަރެމެންނަށް ވެސް ހުތުރު ފުޓުބޯޅަ ކުޅެން އެނގޭ

ޕެރަގުއާއީ ކޮޅަށް ގޯލު ޖެހުމަށްފަހު ފްރާންސް ކެޕްޓަން އެމްބާޕޭ އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ޕެރަގުއާއީ އިން ކުޅުނީ ހުތުރު ފުޓުބޯޅައެއް ކަމަށާއި އެގޮތަށް ފްރާންސަށް ކުޅެން ފްރާންސަށް ވެސް އެނގޭ ކަމަށް ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕްގައި އެމެރިކާގެ ފިލަޑެލްފިއާގައި ރޭ ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭ 70 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީން ޕެރެގުއާއީ 1-0 އިން ބަލިކޮށް ފްރާންސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ގާތްގަނޑަކަށް 100 ޑިގްރީ ފެރެންހައިޓަށް ފިނިހޫނުމިން އަރާފައިވާ މި މެޗުގައި ޕެރެގުއާއީ ކުޅެފައިވަނީ ވަރަށް ބޮޑަށް ދިފާއީ އަދި ހަށިގަނޑު ބޭނުންކޮށް ފިޒިކަލް ގޭމެކެވެ. މުބާރާތުގެ ފުރަތަމަ ހަތަރު މެޗުގައި 13 ގޯލު ޖެހި ފްރާންސަށް މި މެޗުގައި ގޯލު ޖެހުން ދަތިވީ ޕެރެގުއާއީގެ ފިޒިކަލް ކުޅުމުގެ ސަބަބުންނެވެ. ނަމަވެސް އެމްބާޕޭ ޕެނަލްޓީ ކާމިޔާބުކޮށް ފްރާންސަށް މޮޅު ހޯދައިދިނެވެ.

”ކުރިމަތިވާނީ ކޮންކަހަލަ މެޗެއްކަން އަހަރެމެންނަށް އެނގޭ. އަހަރެމެންނަށް ވެސް ހަޑިކޮށްލަން އެނގޭ. ހުތުރު ފުޓުބޯޅަ ކުޅެން ވެސް އެނގޭ. އެމީހުން ހީކުރީ ކަންނޭނގެ އަހަރެމެން ޓަކްސީޑޯ ލައިގެން އަންނާނެ ކަމަށް، އެކަމަކު އަހަރެމެން ތިބީ ތައްޔާރަށް،“ މެޗަށްފަހު އެމްބާޕޭ ބުންޏެވެ.

މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަޔާން ޗާކީ ބުނީ ފްރާންސް ޓީމަކީ ހަމައެކަނި ފުޓުބޯޅައެއް ނޫންކަން ހަނދާންކޮށްދީފައިވާނެ ކަމަށާއި ހަނގުރާމައަކަށް އައިއްޔާ ޖަވާބު ލިބޭނީ މިގޮތަށް ކަމަށެވެ.

މެޗު ނިމުމަށް ފަހު ވެސް ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހޫނު ހާދިސާތައް ހިނގައިފައިވެއެވެ. ޕެރެގުއޭގެ ގޯލްކީޕަރު އޯލެންޑޯ ގިލް ވަނީ އެމްބާޕޭގެ ބުރަކަށީގައި ބޯޅައިން ޖަހައިފައެވެ.

”އޭނާއާ ސަލާމްކުރަން މަސައްކަތްކުރިން، އެކަމަކު އޭނާ ސަމާލުކަން ނުދިނީމާ ރުޅި ކޮންޓްރޯލް ނުކުރެވުނީ،“ ގިލް ބުންޏެވެ. ދަނޑުމަތީގައި އެމްބާޕޭ އާއި ޕެރެގުއޭގެ މެޓީއާސް ގަލާޒާއާ ދެމެދު ވެސް ބަހުގެ ހަމަލާ ބަދަލުކޮށްފައިވެއެވެ.

މި ވޯލްޑް ކަޕްގައި އެމްބާޕޭ ވަނީ ހަތް ގޯލު ޖަހައި ލިއޮނެލް މެސީއާ އެއްވަރުކޮށްފައެވެ. ވޯލްޑް ކަޕްގެ ތާރީހުގައި 19 މެޗުން 19 ގޯލު ޖެހި އިރު، ރެކޯޑް އޮތް މެސީއާ ދެމެދު ހުރީ އެންމެ ގޯލެއްގެ ފަރަގެކެވެ. ތިން ވޯލްޑް ކަޕެއްގެ ނޮކައުޓް ސްޓޭޖުގައި މަދުވެގެން ތިން ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ވެސް އެމްބާޕޭ ވަނީ ހޯދައިފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމް ބުނީ ފަހު ވަގުތު ލިބުނު ފުރުސަތުތަކުން ގޯލެއް ޖެހުނު ނަމަ މާ ހަމަޖެހޭ ނިމުމަކުން ނިމުނީސް ކަމަށާއި ޕެރެގުއާއީ އިން ހުރިހާ އުކުޅެއް ބޭނުންކުރި ކަމަށެވެ. އަދި މީހުން ބަލާ ހިތްވާ ކަހަލަ ފުޓުބޯޅައަކަށް ނުވިޔަސް، ފްރާންސުން ފޯކަސް ދަމަހައްޓާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ފްރާންސް ދެން ނުކުންނަން ޖެހޭނީ މޮރޮކޯއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 1:00 ގައެވެ.