ރާއްޖޭގެ އާބާދީގެ ތިން ޕަސެންޓް މީހުން ގަވައިދުން ލޭ ހަދިޔާކުރާނަމަ ރާއްޖޭގައި ލޭ ބޭނުންވާ ހުރިހާ މީހުންނަށް ލޭ ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ތެލަސީމިއާ ޕޭޝަންޓުން ނިސްބަތުން ގިނަ ގައުމަކަށްވާތީ، ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އިތުރު ކަމަށެވެ.
މިނިސްޓްރީން ބުނީ އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ އެއް ޕަސެންޓް މީހުން ގަވައިދުން ލޭ ހަދިޔާ ކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެ ނިސްބަތް ވަނީ ތިން ޕަސެންޓަށް މަތިކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
”ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ އިން އަންދާޒާ ކުރާގޮތުން، އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ 1 އިންސައްތަ މީހުން ގަވައިދުން ދަރުމައަށް އެދި ލޭ ހަދިޔާ ކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެއެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ އިން ދިވެހިރާއްޖެއަށް މިނިސްބަތް ވަނީ 3 އިންސައްތައަށް މަތިކޮށްފަ އެވެ. ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ލޭގެ ގާތްގަޑަކަށް 70 އިންސައްތަ ބޭނުންކުރެވެނީ ތެލެސީމިއާ ޕޭޝަންޓުންނަށެވެ“ މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ 2022 ވަނަ އަހަރުގެ ތެރޭގައި 53 ބްލަޑް ކޭމްޕް ބޭއްވި ކަމަށެވެ. އަދި މިދިޔަ އަހަރު އެ އަދަދު ވަނީ 62 އަށް އިތުރުވެފައި ކަމަށެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި 27 ބްލަޑް ކޭމްޕެއް ބޭއްވި ކަމަށާއި މިދިޔަ އަހަރުގެ އެ މުއްދަތުގައި ބާއްވާފައިވަނީ 22 ކޭމްޕު ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން ހދ. ކުޅުދުއްފުށި އަދި ރ. އުނގޫފާރުގައި މި އަހަރު ނިމުމުގެ ކުރިން ބްލަޑް ބޭންކް ގާއިމްކުރަން ވަނީ އަމާޒު ހިފައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

4 Comments
ގުޅުންހުރި
ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއް ގޮތަށް ބަލަން ރައީސް އަންގަވައިފި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
މިހާތަނަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެއްޖެ
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގާފާނެތީ، ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި
މާލޭގައި އުޅޭ ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި