ޖުލައި 4, 2024

ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޒަކީ ނިޔާވެއްޖެ

ދިވެހި ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހުޅުމާލެ، ފްލެޓް ނަންބަރު 04-1-56 މުހައްމަދު ޒަކީ ނިޔާވެއްޖެ އެވެ.

ޒަކީ ނިޔާވީ އިއްޔެގެ ވަގުތެއްގަ އެވެ. ނިޔާވި އިރު އުމުރަކީ 68 އަހަރެވެ. އޭނާގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދުގެ ފަހުގައި ސަހަރާ މިސްކިތުގައި ވަނީ ކޮށްފަ އެވެ.

ޒަކީ ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒަކީއަށް މާތް ﷲ ރަހުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި ޒަކީގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވައިފަ އެވެ.

ޒަކީ، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 3 މާރިޗް 1973 ގައެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އެގްރިކަލްޗާ މިނިސްޓްރީގެ ސީއައި ޑިވިޝަންގެ ފޯމޭނެއްގެ ވަޒީފާ އެވެ. އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ޕިޔޯނު ކަމާއި އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޕިޔޯނުކަމާއި ޕްރިންޓަރު ކަން ކުރެއްވި އެވެ.

އޭގެ އިތުރުން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރިންޓަރު ކަމާއި ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއާ ޕްރިންޓަރު ކަމާއި އެ މަރުކަޒުގެ ޗާޕާބެހޭ އެހީތެރި ކަމާއި ފޮތް ޗާޕުކުރާ ބައިގެ ސީނިއާ ޕްރިންޓަރު ކަމުގެ ވަޒީފާވެސް އަދާކުރެއްވި އެވެ.

އެ ފަހުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓަރު ކަމާއި ޕްރިންޓިން ސުޕަވައިޒަރުކަންވެސް ޒަކީ އަދާކުރެއްވި އެވެ.

އަދި އެ ޑިޕާޓްމަންޓުން ހިންގާ ޖީސީއީ އޯ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތާއި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނާއި ހަޔާ ސެކަންޑަރީ ސްކޫލުގެ ސެޓުފިކެޓު އިމްތިހާނުތަކުގެ ސުވާލު ކަރުދާސްތައް ޓައިޕް ކުރުމާއި އެ ސުވާލު ޕޭޕަރުތައް ޗާޕުކުރުމާއި ކޮލޭޓް ކުރުމާއި ހީރަސްޖެހުމާއި ޕޭޕަރުތައް ޕެކް ކުރުމުގެ މަސައްކަތްތައްވެސް ކުރެއްވި އެވެ.

އުމުރުން 65 އަހަރުވެގެން، 28 އޮކްޓޫބަރު 2020 ގައި ރިޓަޔާ ކުރިއިރު ޒަކީ ހުރީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ މަގާމުގަ އެވެ.

ޒަކީގެ މަސައްކަތުގެ އަގު ދައުލަތުން ވަޒަންކޮށް އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވައިފަ އެވެ.