ގަދަ ހޫނަށްފަހު ސައުދީ އަރަބިއްޔާގެ މައްކާއަށް ބޯކޮށް ވާރޭވެހިއްޖެ އެވެ.
މި އަހަރުގެ ހައްޖު މޫސުން ފެށުމުގެ ކުރިންވެސް މައްކާއަށް އާދަޔާހިލާފަށް ހޫނުގަދަވެފައިވާއިރު ހައްޖަށް ދިޔަ 2،000 އަށްވުރެ ގިނަ މީހުންނަށް ހީޓްސްޓްރޯކު ޖެހިގެން ރިޕޯޓް ކޮށްފައިވެ އެވެ.
އަދި ހޫނު ގަދަވުމުގެ ސަބަބުން ހައްޖަށް ދިޔަ ހަ މީހުން ނިޔާވެސްވި އެވެ.
މައްކާއަށް މިއަދު އާދަޔާހިލާފަށް ބޯކޮށް ވާރޭވެހުނުއިރު މީގެ ކުރިން އާދަޔާހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ހައްޖާޖީން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށް ޖަމްރާތައް ވަނީ ބަންދުކޮށްފަ އެވެ.
ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 4:00 ހަމަޔަށް ބޭރަށް ނުނިކުމެ އެކޮމޮޑޭޝަން ބްލޮކްތަކުގައި ތިބުމަށް ހައްޖުވެރިންނަށް އިލްތިމާސްކޮށްފަ އެވެ.
ސައުދީ މީޑިއާތަކުން ބުނި ގޮތުގައި މިއަދު މިނާ، މުޒްދަލިފާ އަދި އަރަފާތު ބިމުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުން މައްކާގެ ހޫނު މިން ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ.



