ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ހޯދުމަށް ރާއްޖެ އިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ”ސަމޯއާ އެގްރީމަންޓް“ ގައި ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެ މަނިކުފާނު އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ސަމޯއާ އެގްރީމެންޓާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ސަމޯއާ އެގްރީމަންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)/ އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެެ މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.
ރައީސް އޮފީހުން ބުނީ، މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕިއަން ޔޫނިއަނުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް ހިމެނޭ ކަމަށް ބުންޏެވެ.




ގުޅުންހުރި
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ: ރައީސް