ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މަސްވެރިން ކިރުވި މަހަށް ނުދެވި ހުރި، 53 މިލިއަން ރުފިޔާ މިހާރު ޖަމާކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯގެ ސީއެސްއާރު، ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާގެ ޑެޕިއުޓީ މެނޭޖަރު އިބްރާހިމް ސައީދު (ކޭޑް) ވިދާޅުވީ، އެ ފައިސާއަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ.
މި ދޫކުރާ ފައިސާ އާއެކު މި އަހަރުގެ މިހާތަނަށް އައި އިރު ސަރުކާރުން ވަނީ މަސްވެރިންނަށް 353 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އަދި މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިފްކޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުން، އެ ކުންފުނިން ބައިނަލްއަގުވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގަ އެވެ.
ނަމަވެސް މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މިފްކޯ އިން ވަނީ މިއަދުން ފެށިގެން ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަ މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓް ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގައްގައި މަސް ގަންނަން ފަށައިފަ އެވެ.
އެގޮތުން މި ހަފުތާގައި މިފްކޯ އިން ގަނޑުކުރި މަސް ކިލޯއެއް ގަންނާނީ 16 ރުފިޔާއަށެވެ. އަދި ގަނޑުނުކުރާ މަސް ކިލޯއެއް ގަންނާނީ 14 ރުފިޔާ އަށެވެ.




ގުޅުންހުރި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ހަ ބިލިއަން ރުފިޔާގެ ލޯނު
އާގަން ގޭސް ބަލްކުކޮށް އެތެރެކޮށް ރާއްޖޭގައި ފިލްކުރަން ފަށައިފި, ދަތިކަމަށް ނިމުމެއް
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފުކޮށްފި