ސަރުކާރުގެ ހަރަދުގައި ދީފައިވާ ސްކޮލާޝިޕްތަކާއި ސްޓޫޑެންޓު ލޯނުގެ އެހީގައި ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ފައިސާ ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ، ސްޓޫޑެންޓް ލޯނުގެ ދަށުން ރާއްޖެ އިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ބޭނުންވާ ފައިސާ، ސަރުކާރުން ޖަމާކޮށް ނުދިނުމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ކޯސް ފީ ނުދެއްކިފައި އެބަ ތިބި ކަމަށެވެ. އެކަމުގެ ސަބަބުން އެ ދަރިވަރުންނަށް ކޮލެޖް/ ޔުނިވަސިޓީތަކުން އިންޒާރުދީ ’ބްލެކްލިސްޓް‘ ކުރާ ހިސާބަށް މައްސަލަ ގޯސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ، ފައިސާ ނުލިބުމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ދިރިއުޅޭ ތަނަށް ކުލި ނުދެއްކިފައިވެސް އެބަ ތިބި ކަމަށެވެ.
”އެ ކުދިން ދިރިއުޅޭ ތަން ހުސްކުރަން އަންގައި، އެ ކުދިން މަގުމަތިވުމުގެ ބިރު އޮތްއިރު، އަދި އާއިލާއާ ދުރުގައި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާއިރު، އެކުދިން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ވެސް ނުކުރެވި އެކި ފަރާތްތަކަށް އެހީއަށް އެދި ސަލާމްޖަހަން ޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެ ކުދިންގެ އާއިލާއިން ގޮސްފައިވޭ،“ ނާޒިލް ވިދާޅުވި އެވެ.
އެ ކުއްލި މައްސަލައަށް ބަހުސްކުރުމަށް މަޖިލީހުގެ ތަޅުމުން ބަލައިގަތުމަށް ނެގި ވޯޓުގައި 59 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.



ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20