ރާއްޖެއަށް މިހާރުން މިހާރަށް ބަންގްލަދޭޝްގެ ލޭބަރުން ގެނެވޭނެ ގޮތް ހަދަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިއަދު މަޖިލީހަށް ހުށަހެޅި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްވަމުން އައްބާސް ވިދާޅުވީ ގައުމު ވެއްޓިފައިވާ އިގުތިސާދީ އަނދަވަޅުން އަރައިގަނެވޭނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ރަނގަޅު މަސައްކަތްތެރިން ގެނެވި، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބާރަށް ކުރިއަރައި ގޮސްގެން ކަމަށެވެ.
އެހެންވެ މިހާރުން މިހާރަށް ރާއްޖެއަށް ބަންގްލަދޭޝްގެ ލޭބަރުން ގެނެވޭނެ ގޮތް ހަދައިދިނުމަށް ސަރުކާރަށާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށް އޭނާ ގޮވާލެއްވި އެވެ.
”ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އިންޑިއާގެ ލޭބަރުން ގެނައިމަ މިވާ ގޮތަކީ ވެޖިޓޭރިއަންއޭ ނޫނީ ރާއްޖެ ހޫނުވަނީއޭ ކޮންމެވެސް ކަހަލަ ބަހަނާތަކެއް ދައްކާފަ ރާއްޖެ ގެންނަ މީހުން ރާއްޖެ ދޫކޮށް ދަނީ. މިއީ އަޅުގަނޑުމެންނަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް،“ އައްބާސް ވިދާޅުވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ވަނީ ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފަ އެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެ މުއްދަތު އިތުރު ކުރަމުންދިޔަ އިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ހާއްސަ ޕްރޮގްރާމެއްވެސް ފެށި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ޑިސެމްބަރު މަހުގެ މެދު ތެރޭގައި ބަންގްލަދޭޝްގެ ލޭބަރުން ގެނައުމުގެ ހުއްދަ ދީ، އެހެން ގައުމުތަކުން ލޭބަރުން ގެނައުން މަޑުޖައްސާލި އެވެ.
އެ ފަހުން މާރިޗު މަހު މަޖިލީހަށް ޖަވާބު ދެއްވަމުން އިހުސާން ވަނީ ހުއްދަ އަލުން ދޫކުރަން ފެށި ފަހުން 4،000 އަށްވުރެ ގިނަ ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ އެތެރެވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ކުންފުނިތަކުން ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާ ކަމަށް ބުނެ ބަންގްލަދޭޝްގެ ލޭބަރުން ގެނައުން މެއި މަހުގެ ތެރޭގައި އަނެއްކާވެސް ހުއްޓާލި އެވެ.

ގުޅުންހުރި
ފުލުހުންނަށް ކުޑޫ ފޮނުވި ސިޓީއަކަށް ޖަވާބު ދޭން 3 މަސް ނެގުމުން
މަގާމުން ވަކިކުރުމުގެ ކުރިން ސީއެސްސީގެ ނައިބު އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ނެތް މައްސަލައެއް އުފައްދައިގެން: އަލީ ހުސެއިން
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލަށް ތާއީދު ނުކުރަން ވަޒީރުން ވެސް