ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވައި އިނާމުތައް އެންމެ އަގުބޮޑު އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނަށް ނަސްރުދިނުމަކީ އެންމެ އިސްކަން ދޭނެ ގައުމީ އެއް ވާޖިބު ކަމަށާއި އެކަމަށްޓަކައި ގުރުއާނުގެ އިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ކީރިތި ގުރުއާނުގެ އިލްމާއި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުމެން ކުޑައިރު ކީރިތި ގުރުއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނައިރު، ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.
”އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރެވޭނެ،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކީރިތި ގުރުއާން އުނގަންނާ ދިނުމަށް ކީރިތި ގުރުއާނަށް ހާއްސަ ގައުމީ ހިޔާވެއްސެއް ހުދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ މެނިފެސްޓޯގެ ވައުދުތަކާ އެއްގޮތަށް ގުރުއާނަ ބެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
”މީގެ އިތުރަށް އިރާދަކުރެއްވިއްޔާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުންފެށިގެން ހަދާނަން،“ ރައީސް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރުއާނާބެހޭ ހާއްސަ ދާއިމީ މަރުކޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަދާނެކަންވެސް އިއުލާން ކުރައްވައިފަ އެވެ.
ގުޅުންހުރި
ބައްސާމް ގަތް ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަމުރުކޮށްފި
ފަތުރުވެރިކަން ފުޅާކުރުމަށް ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވިދާނެ: ޗަމްޕާ އަފީފް
ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި
ބިދޭސީއަކު ފިލައިގެން ހުށަހަޅާ ރިޕޯޓް އަނބުރާ ގެންދާނަމަ 10،000ރ ދައްކަންޖެހޭނެ
ޗާގޯސް ޖަޒީރާ، މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން އެއްބަސްވެއްޖެ
ޕާކިން އިމާރާތްތަކުން ސްލޮޓް ވިއްކާނެ، އެތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ: އަމީން