ފުލުހުންގެ ހައްޔަރަށް ގެންދިއުމުގެ ތެރޭގައި މީހަކަށް އަނިޔާވީ، އޭނާ ކުޑަދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް މަގުމައްޗަށް ވެއްޓިގެން ކަމަށް ފުލުހުން ބުނެފި އެވެ.
މުހައްމަދު އަޒްމީލް ޖަލީލު ނަމަކަށް ކިޔާ 38 އަހަރުގެ އެ މީހާ ހައްޔަރުކުރަން ފުލުހުން އުޅުނީ ބަންދުގައި ބަހައްޓައިގެން އިއްޔެ ޑުރަގް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އެ ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ގޮސް މައިބަނދައަށް ގެއްލުންވެފައިވާ ކަމަށް އާއިލާ އިން ބުނާއިރު ލިބުނު އަނިޔާތަކަށް އޭނާއަށް މި ވަގުތު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޒްމީލަށޤ އަނިޔާވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހު 2:15 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިއުމުން، ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު އެގޭގެ ފުރަތަމަ ބުރީގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިގެން ކަމަށެވެ.
ނަމަވެސް އޭނާ އައިޖީއެމްއެޗް އަށް ގެންދިޔައީ ފުލުހުންގެ މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސް އެތަނުގެ މެޑިކަލް އޮފިސަރު ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު 3:05 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އަޒްމީލް ހައްޔަރުކުރުމުގައި އެ މުއައްސަސާ އިން އަމަލުކޮށްފައިވާ ގޮތާމެދު އާއިލާގެ ކަންބޮޑުވުންތަކެއް ހުރުމާއެކު ހައްޔަރު ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.
ގުޅުންހުރި
ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް ދިވެއްސަކު ސަލާމަތްކޮށްފި
ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ފުލުހުން ބަލަނީ
ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއް
އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދައުވާކޮށްދޭން އެދިއްޖެ
ފުލުހުންގެ ކާރަކުން ޖެހި ސައިކަލެއް އެކްސިޑެންޓްވި މަންޒަރު ދުށް ބަޔަކު ހޯދަނީ
ފެން ހިނދި އާއްމު ހާލަތަށް ބަދަލުވަންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ