ތައުހީދުގެ މަތިވެރި އަސާސުގައި ހިފަހައްޓައިފި ނަމަ، އަހުރެމެންނަކީ ކާމިޔާބުވެފައިވާ ބަޔަކަށްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ތައުހީދު“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، އިސްލާމްދީނުގެ އަސާސަކީ ތައުހީދު ކަމަށާއި އެއީ އެންމެ ފުރަތަމަ ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އީމާންވުމަށް އަމުރުކުރައްވައިފައިވާ ކަންތައް ކަމަށެވެ. އަދި، އެންމެހައި ޖިންނީންނާއި އިންސީން އެ ކަމަކަށްޓަކައި ހެއްދެވުނު މަގުސަދަކީވެސް އެއީ ކަމަށާއި ﷲ سُبْحَانَهُ وَتَعَالَى ފޮނުއްވި އެންމެހައި ނަބިއްޔުންނާއި ރަސޫލުން ވެސް ވަޑައިގެންނެވީ ތައުހީދުގެ މަތިވެރި އަގީދާއާއިގެން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ތައުހީދަކީ ﷲ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަން ގަބޫލުކޮށް، ޝިރުކުގެ އެންމެހައި އަމަލަކުން ދުރުހެލިވެ ރައްކާތެރިވުން ކަމަށެވެ. އެގޮތުން ތައުހީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައިވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި އަގީދާ ހާސިލެއް ނުކުރެވޭނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީޡްތަކުގެ އަލީގައި އިލްމުވެރިން ތައުހީދު ބައްސަވާފައިވާއިރު ފުރަތަމަ ބަޔަކީ ހަލްގުކުރެއްވުމާއި ދިރުއްވުމާއި މަރުގެންނެވުމާއި ރިޒުގުދެއްވުމާއި ކައުނުގައިވާ ކަންކަން ތަދުބީރުކުރައްވައި ހިންގެވުމާއި މި އެންމެހައި ކަންކަން މިލްކުވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަމާއި މިކަންކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް ޝައްކެއްނެތި ގަބޫލުކުރުން ކަމަށެވެ.
ތައުހީދުގެ ދެވަނަ ބަޔަކީ ހުރިހާ އަޅުކަމެއް ހަމައެކަނި މާތް ﷲ އަށް އަދާކުރުން ކަމަށާއި އެއީ ނަމާދުކުރުމާއި ރޯދަހިފުމާއި ދުއާކުރުމާއި ނަދުރުބުނުމާއި ގުރުބާންކުރުމާއި ބިރުވެތިވުމާއި ކަންކަމުގައި ވާތްގަށް އެދި ދެންނެވުމާއި އަޅުކަމުގެ ގޮތުން ކުރާ މިފަދަ ހުރިހާ އަމަލެއް ހަމައެކަނި އެކަލާނގެއަށް ހާސިލްކުރުން ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ތައުހީދުގެ ތިންވަނަ ބަޔަކީ މާތް ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުން ކަމަށާއި އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ގަބޫލުކުރުން ކަމަށެވެ. އަދި ތައުހީދުގެ މި ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެ ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
ނޮޅިވަރަންފަރުގައި ޓޫރިސްޓަކު ރޭޕްކުރަން އުޅެފި
ޑީއެންއާރު ތެރޭގައި ޕީއެންސީއަށް ފޯމު ފުރިކަމަށް އިސްވެރިން އިއުތިރާފުވެއްޖެ
އެފްއޭއެމް ހިޔާނަތް: އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްފި
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަން ފަށައިފި
ވާދޫ އިޔާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލު ކުރަން ބޭނުންވިޔަސް އެއީ ވައުދެއް
ހިންދޫ ފާދިރީއެއް އަނެއްކާވެސް ރާއްޖެ އައިސް ރޫހާނީ ފަރުވާދޭ ކަމަށް އިޝްތިހާރުކުރަނީ