ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލާއެކު އެސްޓީއޯ އަށް ލިބުނު އާމްދަނީ 23 ޕަސެންޓް ދަށަށް

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ---

މި އަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯ އަށް ލިބުނު އާމްދަނީ 23 ޕަސެންޓް ދަށްވެއްޖެ އެވެ.

އެސްޓީއޯގެ އޭޕްރީލް-ޖޫންގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ އެ މުއްދަތުގައި ލިބިފައިވެ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 4.5 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 23 ޕަސެންޓުގެ ދަށްވުމެކެވެ.

އެސްޓީއޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖުމުލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާ ގުޅިގެން ރާއްޖޭގެ މާކެޓުގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ގުޅިގެން ކަމަށެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން ތެލުގެ އަގުތައް ދައްކުރުމުން ދެވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާ އެވެ. އެއީ މީގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު 16 ޕަސެންޓްގެ ދަށްވުމެކެވެ.

އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބިފައިވަނީ 177 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު، އެ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 148 މިލިއަން ރުފިޔާ އެވެ.

އެއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 24 ޕަސެންޓް ދަށްވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.