ރާއްޖޭގައި އިންވެސްޓްކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް, ދޮގުވާހަކަތައް ފެތުރުމާއި އެ މީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު އެހެން ވިދާޅުވީ, ނ. އަތޮޅުގެ ދެކެނަންފަރާއި ދިގުފަރުގެ އިތުރުން ކުރަމާދޫގައި ކުރިއަށްގެންދާ ފުރަތަމަ ޓައުންޝިޕް މަޝްރޫއު, ’ޕްރޮޖެކްޓް އައިލާ‘ އަކީ ރެސިޑެންސީ މަޝްރޫއެއް ނޫން ކަމަށާއި އެއީ ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަށް ހިންގާ މަޝްރޫއެއް ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ޖެހި ހަބަރެއް ދޮގު ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ, ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި އެފަދަ ކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް އެފަދަ ދޮގުވާހަކަތައްވާނީ ހިތްގައިމު މުއިޒިކަކަށް ކަމަށެވެ.
އަދި ގަބޫލުކުރަން ދަތިވިޔަސް, ރާއްޖޭގެ އިގުތިސާދުގެ މައިތަނބަކީ ޓޫރިޒަމް ކަމަށާއި ނަމަވެސް ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ ޓްރެންދަކީ ބަދަލުވަމުން ’އިވޯލްވް‘ ވަމުން އަންނަ އެއްޗެއް ކަމަށާއި އެއީ ހަގީގަތް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
”ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނު. އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިންގޭނެ. ވީމާ ކަންކަމުގެ ހަގީގަތް ބެއްލެވުމުގެ ބަދަލުގައި ދޮގު ހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރަން,“ ސައީދު ވިދާޅުވި އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުން ޕްރޮޖެކްޓް އައިލާއަކީ 790 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. އެތަނުގެ ބިންގާ އެޅީ 29 ޖަނަވަރީ 2026 ގައެވެ.


