ނަފްސާނީ ނުތަނަވަސްކަމަކީ ކޮބާ.؟ މިކަން ކޮންޓްރޯލް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

ސްޓްރެސް ނުވަތަ ނަފްސާނީ ނުތަނަވަސްކަން އިހުސާސް ކުރަންޖެހިފައިވޭ ހެއްޔެވެ؟ އިތުރަށް ހާސްނުވެ، މިފަދަ ނުތަނަވަސްކަމަކުން އަރައިގަނެވޭނީ ކިހިނެއް ހެއްޔެވެ؟

ނަފްސާނީ ނުތަނަވަސްކަމަކީ ކޮބައި ހެއްޔެވެ؟ އަދި މިކަން ކޮންޓްރޯލް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟ އާންމުގޮތެއްގައި މިފަދަ ނުތަނަވަސްކަން މެދުވެރިވަނީ ވަޒީފާގެ މާހައުލާއި، އާއިލީ ޒިންމާތަކާއި، މީހުން ކުރާ އުންމީދުތަކާއި، ސިއްހީ ހާލަތުގެ އިތުރުން މާލީ ދަތިކަމުގެ ސަބަބުންނެވެ. ނަމަވެސް، މި ހުރިހާ ކަމަކަށްވުރެ ބޮޑަށް، މި ނުތަނަވަސްކަން އުފެދޭ އެންމެ މުހިންމު އަސްލަކީ ހުދު ތިބާ އަމިއްލަ ނަފްސެވެ.

ސިއްހީ ދިރާސާތަކުގައި ނަފްސާނީ ނުތަނަވަސްކަމާ ބެހޭގޮތުން ގިނަ ދިރާސާތަކެއް މިހާތަނަށް ވަނީ ކުރެވިފައެވެ. ސިއްހީ ދިރާސާވެރިން މިފަދަ ނުތަނަވަސްކަން މިންކުރަނީ ކިހިނެއް ހެއްޔެވެ؟ އެއީ ކިހާ މިންވަރެއްގެ ކަމެއްކަން ކަނޑައަޅަނީ ކޮން އުސޫލަކުން ހެއްޔެވެ؟ އެކަމަށްޓަކައި ގިނަގުނަ ޓެސްޓުތަކެއް ހަދަނީ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އެމީހުން ހަމައެކަނި ކޮށްލަނީ ސުވާލެކެވެ. ބަލިމީހާ ހުރީ ކިހާ މިންވަރެއްގެ ނުތަނަވަސްކަމެއްގެ ތެރޭގައިތޯ އެމީހުން އޮޅުންފިލުވައެވެ. މިއީ ލޭގެ ޕްރެޝަރު ނުވަތަ ހިތުގެ ވިންދު ބަލައިގެން ކުރާ ކަމެއް ނޫނެވެ. އަދި ހަމުގެ ރިއެކްޝަންތަކާއި، ސިކުނޑީގެ އީ.އީ.ޖީ ރެކޯޑިންގްސް ނުވަތަ އެމް.އާރު.އައި ސްކޭންތަކުން ދެނެގަންނަ ކަމެއްވެސް ނޫނެވެ. އެއީ ހަމައެކަނި ސާފް ސުވާލަކުން ހޯދޭ މުހިންމު މައުލޫމާތެކެވެ.

ހަގީގަތަކީ ކޮންމެ މީހަކީވެސް ނަފްސާނީ ނުތަނަވަސްކަން ނުވަތަ ސްޓްރެސް ތަހައްމަލުކުރަމުންދާ މީހެކެވެ. ރޮބާޓް ވުޑް ޖޯންސަން ފައުންޑޭޝަނުން ކުރިއަށްގެންދިޔަ ބޮޑު ދިރާސާއަކުން ދައްކާގޮތުގައި، ސްޓްރެސް މެދުވެރިވާ އެންމެ އާންމު ސަބަބުތަކުގެ ތެރޭގައި ސިއްހީ ހާލަތު ދަށްވުމާއި، ނުކުޅެދުންތެރިކަމާއި، ދާއިމީ ބަލިތަކާއި، އާމްދަނީ މަދުވުން ހިމެނެއެވެ. މީގެ އިތުރުން ގޭތެރޭގައި ނުވަތަ މަސައްކަތުގެ މާހައުލުގައި ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާންޖެހުމާއި، އެކަނިވެރި މައިންބަފައިންގެ ގޮތުގައި ދަރިން ބެލުމާއި، ނުވަތަ ފުރާވަރުގެ ކުދިން ބެލެހެއްޓުމަކީވެސް މީގެ ސަބަބުތަކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކީ މި ދެންނެވި ކަންކަމުގެ ތެރެއިން ކޮންމެވެސް އެއް ކަމެއް ނުވަތަ އެއަށްވުރެ ގިނަ ކަންކަން ތަހައްމަލު ކުރަންޖެހިފައިވާ މީހުންނެވެ.

މިއީ ސްޓްރެސްއާ ގުޅޭ ދިރާސާތަކުން ފާހަގަކުރެވުނު އެންމެ މުހިންމު ނަތީޖާއަށް އަޅުގަނޑުމެން ގެންގޮސްދޭ ކަމެކެވެ. އެއީ ކަންކަން ތަސައްވަރުކުރާ ނުވަތަ ދެކޭ ގޮތުގެ މުހިންމުކަމެވެ.

ޝައުގުވެރި ދިރާސާއެއްގައި، ބަލިމީހުން ބަހާލެވުނީ ”ސްޓްރެސް އެއްގޮތަކަށްވެސް ނެތް“، ”ކުޑަކޮށް ސްޓްރެސް ހުރި“، ”މެދު މިންވަރަކަށް ސްޓްރެސް ހުރި“ އަދި ”ވަރަށް ބޮޑަށް ސްޓްރެސް ހުރި“ ގްރޫޕްތަކަށެވެ. އަދި އެމީހުންގެ ސްޓްރެސްގެ ސަބަބުން ސިއްހަތަށް އަސަރުކުރާކަމަށް ގަބޫލުކުރޭތޯވެސް ސުވާލުކުރެވުނެވެ. މި ހުރިހާ ގްރޫޕްތަކުގެ ތެރެއިން ސިއްހީ މައްސަލަތައް އެންމެ ބޮޑަށް ދިމާވީ ވަރަށް ބޮޑަށް ސްޓްރެސް ހުރެފައި، އެކަމުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކުރާކަމަށް ގަބޫލުކުރި މީހުންނަށެވެ. މީގެ މާނައަކީ، ތިބާއީ ވަރަށް ބޮޑަށް ސްޓްރެސް ހުރި މީހަކަށް ވީނަމަވެސް، އެކަމުގެ ސަބަބުން ސިއްހަތަށް ގެއްލުމެއް ނުވާނެކަމަށް ގަބޫލުކުރާނަމަ، އޭގެ ނޭދެވޭ އަސަރެއް ސިއްހަތަކަށް ނުކުރެއެވެ.

އެހެން ދިރާސާއެއްގައި، ހާޓް އެޓޭކެއް ޖެހިފައިވާ ބަލިމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ނުވަތަ ސްޓްރެސް ހުރި މިންވަރާ ބެހޭގޮތުން ސުވާލުކުރެވުނެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ސްޓްރެސް ކުޑަކަމަށް ފާހަގަކުރި މީހުންނަށް، ސްޓްރެސް ބޮޑު މީހުންނާ އަޅާބަލާއިރު ހާޓް އެޓޭކަށްފަހު ކުރިމަތިވާ ސިއްހީ ނުރައްކާތަކާއި އިތުރު މައްސަލަތައް މަދުކަން ފާހަގަކުރެވުނެވެ.

ސްޓްރެސްއަކީ ހަގީގަތެއް ނަމަވެސް، އެންމެ މުހިންމު ކަމަކީ އެފަދަ ހާލަތްތަކުގައި އަޅުގަނޑުމެން އަމަލުކުރާ ގޮތެވެ. އިންސާނާގެ ވިސްނުމާއި މިޒާޖަކީ މިފަދަ ކޮންމެކަމަކަށްވެސް މަގުފަހިކުރުވާ މުހިންމު އަސާސެވެ. އެގޮތުން ކުރެވުނު ހުރިހާ ދިރާސާތަކަކުންވެސް މައިގަޑު ފާހަގަކުރެވިފައިވަނީ ކަންކަމާ މެދު އުންމީދީ ނުވަތަ ހެޔޮލަފާ ވިސްނުމެއް ގެންގުޅޭ މީހުންގެ ހިތުގެ ބަލިތަކުގެ ނުރައްކާ 10 އިންސައްތައާއި 73 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކޮށްދޭކަމެވެ. މީގެ އިދިކޮޅަށް، މާޔޫސީ ވިސްނުން ގެންގުޅޭ މީހުންނަށް މިފަދަ ސިއްހީ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު 32 އިންސައްތައާއި 42 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެގެންދެއެވެ.