ނަޝީދު, ރައީސް މުއިއްޒަށް: ރައްޔިތުންނަށް ކާންދޭނީ ގައުމިއްޔަތޭ ކިޔާފައި އައިސް ގައުމެއް ވިއްކައެއް ނުލެވޭނެ!

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު, ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ދިވެހި ދިދައާ ދިމާލަށް އެނބުރި ހުންނަވާ އެތައް ވާހަކައެއް ދައްކަވާފައި އަދި ދިވެހި ލޭ ހިނގަނީ ތިމަންނާގެ އެކަނި ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ގައުމު ވިއްކައެއް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ, ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ދިދައާ ދިމާލަށް އެނބުރި ވަޑައިގެން ހުންނަވައި ގައުމަށާއި ގައުމިއްޔަތުގެ ވާހަކަ ރައީސް މުއިއްޒު ދެއްކަވައި ދިވެހިން ގާހައްދަމުން ގެންދެވި އިރު, ރަސްމާލޭގެ ބައެއް އީގަލް ހިލްސްއަށް ދޭން ނިންމުމަކީ މުނާފިގުކަން ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ.

”ރާއްޖޭގެ ރައްޔިތުން ގާތުގައި (ރައީސް މުއިއްޒު) ބުނީ ތިމަންނާގެ އެކަންޏޭ މި ހިނގަނީ ދިވެހީ ލޭ. ދެން ތިބީ ހުސް ފަރަންޖީންނޭ، ކާފަރުންނޭ، ލާދީނީ މީހުންނޭ، އެމްޑީޕީ މީހުންނޭ. މަނިކުފާނު ދިދައާ ދިމާލަށް އެނބުރި ހުންނަވާ ދައްކަވައިފި އެތައް ވާހަކައެއް، އަޅުގަނޑު އެ ދުވަސް ހިތައް އެރި (އެ މަނިކުފާނު) މި ހުރީ ބުއްދިފިލާ ގޮސްފާއޭ,“ ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ކަމެއް ކުރާނަމަ އެކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ ކަމަށާއި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށެވެ. އަދި އެމްޑީޕީން ކަމެއް ކުރާއިރު އެކަމެއް ކުރަނީ ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީފައި ކަމަށް ވިދާޅުވ އެވެ.

”ތިމަންނަ ވެރިކަމަށް މި އަންނަނީ ދިދޭ ބޮސްދެހެށޭ، ގައުމިއްޔަތަށޭ. ކާންދޭނީ ވެސް ގައުމިއްޔަތޭ. ދެން އެހެން ކިޔާފައި ވަޑައިގެންނޭ ގައުމު ވިއްކައެއް ނުލެވޭނެ…މިއަދު މި ކުރަމުން މި ގެންދާ ކަންތަކުގައި އެއްގޮތަކަށްވެސް ދެފުށް ފެންނަ އެއްވެސް ކަމެއް ނެތް. ކޮންޓްރެކްޓަކީ ކޮބައިކަމެއް. ވެގެން މިދަނީ ކިހިނެތް ކަމެއް. ރައްޔިތުންގެ މަޖިލީހަކަށްވެސް އެނގޭކަށް ނެތް,“ ނަޝީދު ވިދާޅުވި އެވެ.