މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ސަޕްލައިކުރަމުންދިޔަ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ/ މުހައްމަދު ރަޝްވާން އައްބާސް (53އ) އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން 13 އޮކްޓޫބަރު 2026 ގައެވެ.
ފުލުހުން ބުނީ, އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މާލެތެރެއަށް ބަނގުރާ ސަޕްލައި ކުރަމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރެއިޑް އޮޕަރޭޝަނެއް ހިންގީ 12 އޮކްޓޫބަރު 2026 ގައެވެ. އެ އޮޕަރޭޝަންގައި ހ. މާދޫގޭގެ ދެ ބުރިއަށް ބަލައި 834 ފުޅި ބަނގުރަލާއެކު ތިން ބިދޭސީއަކު މީގެ ކުރިން ހައްޔަރުކުރި އެވެ.
ރަޝްވާންގެ ބަންދު އަމުރުގައިވާ ގޮތުން, ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ދެ މީހުންނަކީ ރަޝްވާންގެ ދެ މުވައްޒަފުންކަމަށާއި އޭނާ ބުނެގެން ކުރާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް ރަޝްވާން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް, މާންދޫ ގޭގެ ތަންތަން ބަލައި ފާސްކޮށްފައިވަނީ އޭނާ އަދި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ހާޒިރުގައި ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ފަރާތުން ކަފާލާތުގެ ދަށުން ދޫކޮށްލަންވެސް އެދުނެވެ.
މާލޭގައި ހިންގާ ބަނގުރާ ނެޓްވޯކަކަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް: ތިން މީހަކު ހައްޔަރުކޮށްފި


