ހަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ލީކުކުރާ މީހުންނަށް ދޭ އަދަބެއްގެ ގޮތުން އެ މީހުންގެ ގަޔަށް ބަޑިޖަހަންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
ޓްރަމްޕް މިހެން ބުނީ, އަންނަ ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިހާބަށް ކުރަމުންދާ ކެމްޕެއިންގެ ތެރެއިން އެރިޒޯނާގެ ބުލްހެޑް ސިޓީގައި ބޭއްވި ކެމްޕޭން އެއްވުމެއްގައެވެ.
”އަހަރެން ދެކޭ ގޮތުގައި ލީކުކުރާ މީހުންގެ ގަޔަށް ޖެހޭނީ ބަޑިޖަހަން، ޒަމާންވީ ދުވަސްވަރު އަހަރެމެން އުޅުނީ ލީކުކުރާ މީހުންގެ ގަޔަށް ބަޑިޖަހައިގެން، ތި މީހުންނަށްވެސް އެނގޭނެ، ގައުމަކަށް ހަމަލާދޭން އުޅޭ ވަގުތު އެ މީހުން ލީކުކޮށްލީމާ ވާނެ ގޮތް,“ ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް މިހެން ބުނީ, އިޒްރޭލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، 2025 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާ އިން ކުއްލި ގޮތަކަށް އީރާނަށް ދިން ”އޮޕަރޭޝަން މިޑްނައިޓް ހެމާ“ އަށް އިޝާރާތްކޮށް ކަމަށް ބެލެވެ އެވެ.
އެ ހަމަލާއަށްފަހު، އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީން ހާމަނުކޮށް އޮތް ރިޕޯޓެއްގެ ބައެއް ހޯދުންތަކެއް ބައެއް މީޑިއާތަކުން ޝާއިއުކުރި އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ، އެމެރިކާ އިން ބޮންއެޅި ސަރަހައްދުތަކުގައި ހުރި ޔުރޭނިއަމް އެހެން ތަންތަނަށް ބަދަލުކުރުމުގެ ފުރުސަތު އީރާނަށް ލިބުނު ކަމަށެވެ.
މީގެއިތުރުން، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ލިބުނު ގެއްލުންތަކަކީ ޓްރަމްޕް ބުނި ވަރަށްވުރެ ކުޑަ ގެއްލުންތަކެއް ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް އޭރު ޓްރަމްޕް ވަނީ މީޑިއާތަކަށް ލީކުކުރި މައުލޫމާތުތަކުގެ ތެރޭގައި އެމެރިކާއިން ހަމަލާދޭން ނިންމި ވަގުތާއި އަސްކަރިއްޔާގެ މެންބަރުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލި ކަމަށް ބުނެ, ދަ ނިއުޔޯކް ޓައިމްސް އަދި ސީއެންއެން އަށް ތުހުމަތުތަކެއްކޮށްފަ އެވެ.
ޓްރަމްޕަކީ ޒަމާނުއްސުރެ ހަބަރު ފަތުރާ ވަސީލަތްތަކާ ދެކޮޅުވެރި މީހެކެވެ. ނޫސްތަކަށް ސިއްރު މައުލޫމާތު ދޭ ކޮންމެ އޮފިޝަލަކަށް ހަރުކަށި އަދަބު ދިނުމަށް އޭނާ މީގެ ކުރިންވެސް ވަނީ ގޮވާލައިފަ އެވެ.


