ދައުލަތް ވަރުގަދަކޮށް ހިންގާނަމަ ޖެހޭނީ ސިޔާސީ މަގާމުތައް އިތުރުކުރަން: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ސަރުކާރުގައި ސިޔާސީ މީހުންގެ އަދަދު ގިނަވެގެން ބައެއް ފަރާތްތަކުން އެ ވާހަކަ ދައްކަމުންދިޔަ ނަމަވެސް ވަރުގަދަ ދައުލަތެއް ހިންގާ ނަމަ ސިޔާސީ ވަޒީފާތަކުގެ އަދަދު އިތުރު ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކަށް ޕީޕީއެމް/ޕީއެންސީން ސަމާލުކަމެއް ނުދޭނެ ކަމަށެވެ.

”ބައެއް ހާލަތްތަކުގައި އެބަ އާދޭ އަޅުގަނޑުމެންނާ ދިމާލަށް ސިޔާސީ މަގާމުތައް މާ ގިނައޭ. ދައުލަތް ވަރުގަދައަށް ހިންގާ ކަމަށް ވަންޏާ އަދިވެސް އަޅުގަނޑުމެންނަށް މި ޖެހެނީ ސިޔާސީ މަގާމުތައް އިތުރުކުރަން“ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިޔާސީ މަގާމުތައް ގިނަ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ގޮތަކަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި ސިޔާސީ މަގާމުތަކަށް އައްޔަން ކުރަނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ވަޒީފާ ބޭނުންވާ އެންމެނަށް މި ސަރުކާރުން ވަޒީފާ ދޭނެ ކަމަށާއި މި ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގައި ވަޒީފާ ނެތް މީހަކު ނުހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.